28 Dec 2020, 13:56
މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލީގައި ގައިމު ކުރި ކޮމިއުނިޓީ ރިހިބިލިޓޭޝަން ސާވިސް ސެންޓަރު، "ގއ. ދަގެނާ" ހުޅުވައިފި އެވެ.
އެ މަރުކަޒު ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި، ގއ. އަތޮޅު ކައުސިލްގެ ރައީސް އަހްމަދު ފުއާދެވެ.
އެ ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ގައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެކި މައްސަލަތަކަށް ހައްލު ކުރުމަށް ވުރެ ގިނަ ފަހަރު ސަރުކާރުންތަކުން އިސްކަންދެނީ ތަރައްގީގެ ކަންކަމަށް ކަމަށާއި އެހެން ނަމަވެސް މަސްތުވާތަކެތީގެ ވަބާ އިން ޒުވާނުން ސަލާމަތް ކުރުންފަދަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން އެކަންކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ސޯޝަލް ކައުންސިލުގެ ނަމުގައި ވަކިން ހާއްސަ ކައުންސިލެއް އުފައްދަވައި، އެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލާ ހަވާލު ކުރައްވާފައި ވަނީ ވަރަށް މާތް މަގްސަދެއްގައި ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
"މި އަތޮޅަށް ފުރުމުގެ ކުރިން ރައީސްޖުމްހުރިއްޔާ އަރިހަށް ދިޔައިން. އަޅުގަނޑު ކައިރީ ވިދާޅުވި، ތި ފައްޓަވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް. އެކަމަކު މި މަސައްކަތް ނުހުއްޓި، ނަތީޖާ ނެރެވޭނެ ގޮތަށް ކުރިއަށް ދެވެންވާނެ ކަމަށް. އެ މެސެޖް ރަށުގެ ރައްޔިތުންނާއި މިކަމުގައި ބައިވެރިވާ ފަރާތްތަކަށް ދޭށޭ [ރައީސް ވިދާޅުވި]،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، "ގއ. ދަގެނާ"އަކީ، ވަރަށް އުންމީދީ މަރުކަޒެއް ކަމަށާއި އެއީ މުޅި ގައުމަށްވެސް ފައިދާ ކުރާނެ މަރުކަޒެއް ކަމަށެވެ.
އެ ސެންޓަރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ލީގަލް އޮފިސަރު އަހްމަދު ހިލްމީ ވިދާޅުވީ، އެއީ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް މުޅިން އާ މޮޑެލްއަކަށް ފެށި ޕައިލެޓް ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން އެ ސެންޓަރުގައި ފަރުވާ ދެނީ، މުޅި މުޖްތަމައާ ގުޅިގެން ސަޕޯޓިވް ސިސްޓަމެއްގެ ގާއިމްކުރެވި، ވަށާ ޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އެންޑީއޭގެ މިހާރުގެ މަރުކަޒުތަކުން ޑިޓޮކްސިފައި ކުރަނީ އެ މަރުކަރުން. އެހެން ނަމަވެސް ދަގެނާއިން ޑިޓޮކްސިފައި ކުރާނީ، ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.
ޑިޓޮކްސިފައި ކުރުމަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްގެ ހަށީގަނޑުގައި ހުންނަ ވިހަ މާއްްދާތައް ނައްތާލުމެވެ. އެކަމަށް 14 ދުވަހާއި 21 ދުވަސް ހޭދަވާނެ އެވެ.
އޭނާ ވިދާޅުވީ، އެއި މެޑިކަލް ފަރުވާއަކަށްވުމުން މި އާ މޮޑެލްގައި އެކަން ކުރިއަށް ދާނީ، އަތޮޅު ހޮސްޕިޓަލުންނެވެ. އަދި އެހެން ވެސް ސެކްޓާތަކާ ގުޅުންހުރި ކަންކަން ކުރާނީ އެ ސެކްޓާއަކުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަހްމަދު ހިލްމީ ވިދާޅުވީ، އަންނަ އަހަރު ކުރީ ކޮޅު އެ ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ. މިހާރު އެސެންޓަރުގައި އެއްފަހަރާ 20 މީހުންނަށް ފަރުވާދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު ފަރުވާ ދޭނީ އެސެސްސްމެންޓް ހެދުމަށްފަހު، މީޑިއަމް ރިސްކް އަދި ލޯ ރިސްކް މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. ހައި ރިސްކް މީހުންނަށް ފަރުވާދޭން ފޮނުވާނީ މާލެއަށެވެ.
ހުވަދޫ ބަހުރުވައިން "ދަގެނާ"ގެ ނަން ދީފައިވާ އެ މަރުކަޒުގެ ނަމުގެ މާނައަކީ، ތަރުބިއްޔަތުކުރުމެވެ. ނުވަތަ މީހަކު ރަނގަޅު އަހްލާގަކާއެކު ބަލާ ބޮޑު ކުރުމެވެ.