އިނގިރޭސިވިލާތުން އައި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާތީ، އެއީ އެގައުމުގައި ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއަންޓްތޯ ބަލަން ސާމްޕަލްތައް ބޭރަށް ފޮނުވަމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ ސެންޓަރުން ބުނެފިއެވެ.

އިނގިރޭސިވިލާތުން އައި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަން އެޗްއީއޯސީން ކަށަވަރުކޮށްދިނީ މިއަދުއެވެ.

މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީއަކުން 41 މީހަކު ޕޮޒިޓިވްވެފައި ވާއިރު، ޔޫކޭއިން އައި މީހަކީވެސް އެ ކްލަސްޓާގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.

ނަމަވެސް އެ މީހާ ރާއްޖެ އައީ އެ ޕާޓީގެ ފަހުންނެވެ. އޭނާ މާލެ އައި އިރު، ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެއްކޮށް ބޭރުން މާލެ ސަރަހައްދަށް އަންނަ ދިވެހިން ކަރަންޓީން ވާކަށް ނުޖެހެއެވެ.

ނަމަވެސް އޭނާ މާލެ އައި ފަހުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން، އޭނާ ވަނީ ޓެސްޓުކޮށްފައެވެ. އަދި އެއީ ޔޫކޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑްގެ އާ ސްޓްރެއިންގެ ކޭސް އެއްކަން ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖެއިން އެކަން ދެނެގަނެވެން ނެތުމުން، ޖިނޯޓައިޕިން ހެދުމަށް ސާމްޕަލްތައް ބޭރަށް ފޮނުވަމުން އަންނަ ކަމަށެވެ.

އަދި އާ ވޭރިއަންޓަށް ވެދާނެ ކަމަށް ލަފާކުރެވޭ ކޭސްތައް ދެނެގަތުމަށް ލެބޯޓްރީތަކާ އެކު މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ޕާޓީގައި 120 މީހަކު ބައިވެރިވިއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ރާއްޖެ އަންނަ އިރު 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތް ނަމަ، އެ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑް19ގެ އާ ވޭރިއެންޓެއް ފެތުރެން ފަށާފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެގައުމުން ރާއްޖެ އަންނަ މީހުން ކަރަންޓީނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.