28 Dec 2020, 12:49
ހިޔާ މަޝްރޫއުގެ ދަށުން އިމާރަތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ކަނޑައަޅާފައިވާ ފްލެޓުތައް އެލޮކޭޓުކޮށްފައިވާގޮތް އާންމުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެންމެ ފުރަތަމަ 2018 ވަނަ އަހަރު، އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން އެކި އިދާރާތަކަށް ފޮނުވާފައިވާ ދާއިމީ ލިސްޓްތަކުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ޖުމްލަ އެވޯޑް ކޮށްފައިވަނީ 987 ފްލެޓު ކަމަށެވެ.
އޭރު މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ފޯމުތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް ފޮނުވި ނަމަވެސް ފްލެޓް އެވޯޑްކުރުމަށްފަހު އެ ކައުންސިލަށް ދާއިމީ ލިސްޓު ފޮނުވާފައި ނުވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ހައުސިން އިން ބުނީ މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ އެލޮކޭޝަންގައި، އޭރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެކި އިދާރާތަކަށް އެވޯޑްކޮށްފައިވާ ފްލެޓްތަކުގެ އިތުރުން، މިފަހަރު މާލޭ ސިޓީ ކައުންސިލަށް ހަ ފްލެޓް އެލޮކޭޓް ކޮށްފައިވާނެ ކަމަށެވެ.
އަދި މި ކެޓަގަރީއަށް ހާއްސަ ކޮށްފައިވާ 1،000 ފްލެޓްގެ ތެރެއިން ބާކީވާ ހަތް ފްލެޓް، ކުރިން އެކި އިދާރާތަކަށް ފްލެޓް އެވޯޑްކޮށްފައިވާ ނިސްބަތުން ބަހާލާފައިވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ އެލޮކޭޝަން، އެއްވެސް އިދާރާއަކަށް ކުރިން ފްލެޓް އެވޯޑްކުރެވިފައިވާ އަދަދަށްވުރެ މަދު ނުކުރާ ކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއަށް ކަނޑައަޅާފައިވާ 1000 ފްލެޓް އެކި އިދާރާތަކަށް މިހާރު އެލޮކޭޓް ކޮށްފައިވާ ގޮތް
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ - ޖުމްލަ 142 ފްލެޓު
- ހެލްތު މިނިސްޓްރީ - 201 ފްލެޓު
- ހޯމް މިނިސްޓްރީ - 85 ފްލެޓު
- އިކޮނޮމިކް މިނިސްޓްރީ - 29 ފްލެޓު
- އިސްލާމިކް މިނިސްޓްރީ - 40 ފްލެޓު
- އެންވަޔަރަމެންޓް މިނިސްޓްރީ - 42 ފްލެޓު
- އެޑިއުކޭޝަން މިނިސްޓްރީ - 169 ފްލެޓު
- ފިނޭންސް މިނިސްޓްރީ 54 ފްލެޓު
- ފިޝަރީޒް މިނިސްޓްރީ - 29 ފްލެޓު
- ފޮރިން މިނިސްޓްރީ - 24 ފްލެޓު
- ޑިފެންސް މިނިސްޓްރީ - 43 ފްލެޓު
- ޓޫރިޒަމް މިނިސްޓްރީ - 16 ފްލެޓު
- ޔޫތު މިނިސްޓްރީ - 47 ފްލެޓު
- ޖެންޑާ މިނިސްޓްރީ - 42 ފްލެޓު
- އެޓާނީ ޖެނެރަލްގެ އޮފީސް - 28 ފްލެޓު
- މޯލްޑިވްސް މީޑިއާ ކައުންސިލް - ތިން ފްލެޓު
- މާލޭ ސިޓީ ކައުންސިލް - ހަ ފްލެޓު
ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީ ފިޔަވާ އެހެން ކެޓަގަރީތަކުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާއިރު، ސިވިލް ސާވިސް ކެޓަގަރީގެ ލިސްޓު އަދި އާންމު ކޮށްފައެއް ނުވެއެވެ.
ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓުތަކުން ފްލެޓު ދޫކުރަނީ މާލޭ ރައްވެހިންނަށާއި، މާލޭ ދަފްތަރުގެ މީހުންނަށާއި، އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ މީހުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޓީޗަރުންނަށް އަދި ޑޮކްޓަރުންނަށާއި ނަރުހުންނަށް އަދި ސިވިލް ސާވިސް މުވައްޒަފުންނަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވާއިރު މި މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.