އާ އަހަރާ ދިމާކޮށް ބާއްވާ ޕާޓީތަކާއި ހަފްލާތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކަށް ނުފެތޭ ގޮތަށް، ޝީ ބިލްޑިންގ ގައި މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީއަކުން 41 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެ ޕާޓީގައި 120 ވަރަކަށް މީހުން ބައިވެރިވިއިރު، އަލާމާތްތައް ހުރި މީހުން ވެސް ވަނީ ބައިވެރިވެފައެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް ހަތަރު މީހަކު ވެސް ހިމެނެއެވެ.

ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ އާ އަހަރު ފާހަގަކުރުމަށް ގިނަ ކަންތައްތައް ކުރަން ބޭނުންވާނެކަން އެނގޭ ކަމަށާއި ނަމަވެސް މި އަހަރު އާ އަހަރު ފާހަގަކުރުން ތަފާތުކޮށްލަން އެދޭ ކަމަށެވެ.

ޑރ. ޝާހު ވިދާޅުވީ ޕާޓީތަކާއި ހަފްލާތައް ބާއްވަން ހުއްދަ ދީފައި އޮތް ނަމަވެސް، އެޗްޕީއޭގެ ގައިޑްލައިނަށް ހުރުމަތްތެރިކޮށް ހިތައި، ގައިޑްލައިން ފޮލޯކުރުން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ކުރަން މި ޖެހެނީ ތިން ކަމެއް. އެއީ މާސްކް އެޅުމާއި އަތް ސާފުކޮށް ބެހެއްޓުމާއި ގައިދުރުކުރުމާ. މިއީ ބަލިން ރައްކާތެރިވާން ކުރެވޭނެ އެންމެ މުހިންމު ތިން ކަންތައް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީއެއް ބާއްވާނަމަ، އެ ގައިޑްލައިންތައް ހަނދާންކޮށްދޭނެ މީހަކު ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި އަދި އޯޕަން އެއާ ނުވަތަ ވެންޓިލޭޝަން ރަނގަޅު ތަންތަނުގައި ޕާޓީ ބޭއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެޗްޕީއޭގެ އުސޫލުގައި ބުނީ މާލެ ސަރަހައްދާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އަދި އެއާޕޯޓު ހިންގާ ރަށްރަށުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ.

އެގޮތުން ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވާއިރު، ކޮވިޑުގެ އަލާމާތްތައް ހުރި އެއްވެސް މީހަކު ހަފްލާތަކުގައި ބައިވެރި ނުކުރުމަށާއި، ތަނުގައި މަސައްކަތް ކުރާ މިހުން މާސްކު އަޅައި ގައިދުރުކުރަން ޖެހޭނެ ކަމަށް އުސޫލު ބުނެއެވެ.

އަދި ހަފްލާގައި މަސައްކަތްކުރާ މީހުންނާއި އެތަނަށް ދާ މީހުންނަށް އަތްދޮވެ، ސެނިޓައިޒް ކުރެވެނެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހޭނެ ކަމަށާއި، އާންމުކޮށް އަތްލާ ގޮނޑި، ޕޯޑިއަމް، ދޮރު ފަދަ ތަންތައް އަވަސް އަވަހަށް ސާފުކުރަން ވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ހަފްލާ ނުވަތަ ރަސްމިއްޔާރު ބާއްވަނީ އިމާރާތެއްގަިއ ނަމަ މީހުން ވަދެ ނިކުންނަ ގަޑީގައި ތަނުގެ ދޮރު ހުޅުވާފައި ބަހައްޓަން ވާނެ ކަމަށާއި އަދި އެއާކޯން ހުރި ނަމަވެސް އެކިފަހަރު މަތިން ދޮރު ހުޅުވައި ވައި ދައުރު ކުރަންވާނެ ކަމަށް ބުނެފައިވެއވެެ.

ރަސްމިއްޔާތުތަކުގައި ކެއުމުގެ އިންތިޒާމު ހަމަނުޖެއްސުމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި ކައިވެނި/އުފަންދުވަހުގެ ހަފްލާ ބާއްވާއިރު ބުފޭގެ ބަދަލުގައި ވަކިން ސާވް ކުރާގޮތަށް އިންތިޒާމު ކުރުމަށާއި ބުފޭ ހަދާނަމަ ކާއެއްޗެހި އަޅައިދޭނެ މީހަކު ވަކިން ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަދި މާސްކާއި ޓިޝޫ އެޅުމަށް ހާއްސަ ޑަސްބިން ބަހައްޓައި، ގިނަ މީހުން ބައިވެރިވާ ހަފްލާ/ ރަސްމިއްޔާތުގެ ވަގުތު މަދުކުރުމަށް އުސޫލުގައި ބުނެފައިވެއެވެ.

އަދި އިނާމު ދިނުމުގެ ހަފްލާތަކުގައި އަތާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށާއި ސެޓްފިކެޓް ހަވާލު ކުރުމަށްވެސް އަތުން އަތަށް ދިނުމުގެ ބަދަލުގައި އެހެން އިންތިޒާމެއް ހަމަޖެއްސުން އެދެވޭ ކަމަށް ބުނެފައިވެއެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ހަފްލާތަކާއި ރަސްމިއްޔާތު ބޭއްވުމުގެ ހުއްދަ ދިނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ގިނަ ހަފްލާތަކުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް ބޯނުލަނބައެވެ.