26 Jan 2012, 14:52
ކުރިއަށް އޮތް ދެ ދައުރަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ނައިވާދޫ ޖަމްއިއްޔާއިން ވާދަކުރި މުހައްމަދު ރިޔާޒް އިންތިހާބު ކޮށްފި އެވެ.
ވީއޭއެމްގެ ރައީސްގެ މަގާމަށް ރިޔާޒް އިންތިހާބުވީ މިއަދު ނަލަހިޔާ ހޮޓަލުގެ ކޮންފަރެސް ރޫމްގައި ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި އެ މަގާމަށް ވާދަކުރެއްވި މުހައްމަދު ޝާފީއާ ވާދަކޮށެވެ. އަދި ވޯޓު ދިން ހަތް ކުލަބުގެ ތެރެއިން ޝާފީއަށް ލިބުނީ ތިން ވޯޓެވެ. ރިޔާޒަށް ހަތަރު ވޯޓް ލިބުނެވެ.
ރައީސްގެ މަގާމަށް ރިޔާޒް އިންތިހާބުކުރިއިރު ކުރިއަށް އޮތް ދެ ދައުރަށް ވީއޭއެމްގެ ނައިބު ރައީސްއަކަށް އިންތިހާބުކުރީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އިލިޔާސް ވަހީދެވެ. އޭނާ މި މަގާމް ކާމިޔާބުކުރީ ނައިބުކަމަށް ވާދަކުރި މުހައްމަދު ނަޒީފާ ވާދަކޮށް ދެ ވޯޓުގެތަފާތުންނެވެ. އެގޮތުން ނައިބު ރައީސް ހޮވުމަށް ވޯޓްދިން ހަތް މެންބަރުގެ ތެރެއިން ނައިބުކަމަށް އިންތިހާބުވި އިލިޔާސްއަށް ފަސް ވޯޓު ލިބުނުއިރު، ނަޒީފަށް ލިބުނީ ދެ ވޯޓެވެ.
ކުރިއަށް އޮތް ދެ ދައުރަށް ވީއޭއެމްގެ ރައީސްއާ ނައިބުރ ރައީސްއަކު އިންތިހާބު ކުރި މިޖަލްސާގައި އެސޯސިއޭޝަންގެ ހަޒާންދާރަކަށް ހޮވުނީ، އަހުމަދު ހުސެއިނެވެ. އޭނާއަށް ވަނީ ހަތް ވޯޓް ލިބިފަ އެވެ.
ވޮލީން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތަކުގައި ތިއްބަވާނެ ކޮމިޝަނުން ވެސް މިއަދުގެ ޖަލްސާގައި ވަނީ އިންތިހާބު ކޮށްފަ އެވެ.
މީގެއިތުރުން މިއަދުގެ ޖަލަސާގައި ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އިއްވުމުގެ އިތުރުން މި އަހަރަށް އެ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ބަޖެޓް ވެސް ފާސް ކޮށްފަ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 3.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު ވިދާޅުވީ، މިއަދުގެ ޖަލްސާއި ވޯޓުލުމުގެ ހައްގު ލިބުނީ ހަތް ކުލަބަށް ކަމަށާއި އެހެންނަމަވެސް ކުރިން އޮތީ އިންތިހާބުގައި ނުވަ ކުލަބަކަށް ވޯޓު ލެވޭ ގޮތަށެވެ. އަދި ދެ ކުލަބަކަށް ވޯޓްނުލެވޭނެކަން އިނގުނީ މިއަދު ހެދުނު 9:00 ޖަހާއިރު ހޯމް އެފެއާޒުން އެކަން އެގީމައިކަމަށް ވެސް ހުސެން ވިދާޅުވި އެވެ.
"މިނިސްޓްރީން އެންގީ އިންތިހާބުގައި ދެކުލަބަށް ވޯޓް ނުލެވޭނެ ކަމަށް. އެ ދެކުލަބުގެ ރަޖިސްޓަރީ މިނިސްޓްރީން ބާތިލް ކޮށްފައިވާކަމަށް. ކުރިން ހަމަޖެހިފައި އޮތީ އިންތިހާބުގައި ނުވަ ކުލަބަށް ވޯޓް ލެވޭނެ ކަމަށް" ހުސެން ވިދާޅުވިއެވެ.
އިންތިހާބުގައި މިއަދު ވޯޓު ނުލެވުނު ދެ ކުލަބަކީ ސްޕޯޓްސް ކުލަބް ސިޓީއާއި ސްޕޯޓްސް ކުލަބް ގްޑީސްއެވެ. އަދި މި ދެކުލަބަކީ މިދިޔަ ތިން އަހަރު ވޮލީގައި އެންމެ ގިނަ ހަރަކާތްތަކުގައި ބައިވެރިވި ދެކުލަބްކަމަށް ވެސް ވީއޭއެމްއިން މައުލޫމާތު ދެއެވެ.
ހުސެން ވިދާޅުވީ، ވީއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީގެ މުއްދަތު މިއަހަރުގެ މެދުތެރޭގައި ހަމަވުމުން އަލަށް އިންތިހާބު ކުރެވުނު ހިންގާ ކޮމިޓީގެ މަސައްކަތް، މުއްދަތު ހަމަވާދުވަހުން ފެށިގެން ފަށާނެ ކަމަށެވެ. އަދި އެދުވަސް މުޅިން ފައިނަލް ނުވާކަމަށް ވެސް ހުސެން ވިދާޅުވި އެވެ.