މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފި އެވެ.

ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިހާތަނަށް ކައިވެނި ޕާޓީއާ ގުޅިފައިވާ ކްލަސްޓާއިން ކޮވިޑަށް ޕޮޒިޓިވް 41 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ކްލަސްޓާގެ ފުރަތަމަ ކޭސް ދެނެގަނެވިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެއާ ގުޅިގެން 25 ވަނަ ދުވަހު 12 ކޭސް ދެނެގަނެވުނު އިރު، 26 ވަނަ ދުވަހު 21 ކޭސް އަދި އިއްޔެ އަށް ކޭސް ވަނީ ދެނެގަނެވިފަ އެވެ.

ޕޮޒިޓިވް މީހުންގެ ތެރޭގައި ހައި ރިސްކް ހަތަރު މީހަކު ހިމެނެ އެވެ. އަދި ޕޮޒިޓިވްވި މީހުންގެ 116 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

އެ ޕާޓީއަށް 120 ވަރަކަށް މީހުން ދިޔައިރު، ރޯގާގެ އަލާމާތް ހުރި މީހުން ވެސް ޕާޓީއަށް ދިޔަ ކަމަށް އެޗްއީއޯސީން ވަނީ މީގެކުރިން ބުނެފަ އެވެ.

އެ ހަފްލާގައި ބައިވެރިވި އެންމެން ކަރަންޓީނުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއޭއިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އެޗްޕީއޭއިން ނުގުޅިޔަސް އަމިއްލައަށް ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން އެދުނެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީއިން ބުންޏެވެ.

ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ދާ މީހުން މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންއާ އެއްގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.