ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހު ކުރަން ޖެހޭ ކަމުގެ އިޝާރާތެއް ނައިބު ރައީސް ފައިސަލް ނަސީމް ދެއްވައިފި އެވެ.

ގއ. ވިލިނގިލީ ޑްރަގު ކޮމިއުނިޓީ ރިހިބިލިޓޭޝަން ސާވިސް ސެންޓާ، "ގއ. ދަގެނާ" ހުޅުވުމަށް މިއަދު އެ ރަށު ބޮޑު މަގުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެތަކެއް އަހަރުވީރު، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އެކަންކަން ހައްލުކުރުމަށް އެންޑިއޭގެ ޑްރަގު ފަރުވާގެ ނިޒާމްގައިވެސް މައްސަލަތަކެއް ހުރި ނަމަ އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މި މައްސަލައިގައި އަޅުގަނޑު ގަބޫލު ކުރަނީ ސިސްޓަމެއް [ޑްރަގު ފަރުވާގެ ނިޒާމް] އޮވެގެން، އެ ސިސްޓަމްގެ ތެރެއިން އެކަށީގެންވާ ނަތީއްޖާއެއް ނުނެރެވޭ ކަމުގައިވާ ނަމަ، އަޅުގަނޑުމެން އެބަ ޖެހޭ ބަދަލު ކުރަން. އެއީ ކުރަން ޖެހޭ ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

"އެކަށީގެންވާ ހައްލެއް ލިބިފައި ނެތް މި މައްސަލައަށް ބަދަލު ގެނެސްގެވެސް ގެންނަން ޖެހޭ ކޮންމެ ކަމެއް ކޮށްގެންވެސް މިކަން ކާމިޔާބުކުރުމަށް މަސައްކަތް ކުރަން ޖެހޭ،"

އެމަނިކުފާނު ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާ ޒުވާނުން އަލުން މުޖްތަމައުއަށް ނުނެރެވޭ ސަބަބާމެދުވެސް އެންޑިއޭއިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އެކަންކަންވެސް ބަދަލު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމުގެ ތަރައްގީގައި އެ ޒުވާނުނަށް ފުރުސަތު ނެތީ ކީއްވެގެންތޯ، ރަނގަޅު ނުކުރެވުނީ ކީއްވެގެންތޯ، އެއީ މިއަދު އެންޑީއޭގެ ބޭފުޅުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރަން ޖެހޭ ކަމެއް. ބަދަލަކީ ހެޔޮ ބަދަލެއް ކަމުގައިވާނަމަ، ކުރަން ޖެހޭ ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ މިއަދު ގުޅުންހުރި ހުރިހާ މުއައްސަސާތަކުުގެވެސް ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އެކަން ގަބޫލުކޮށް، ވަށާޖެހޭ ހައްލެއް މުޅި މައްސަލައަށް ގެނައުމަށް ގުޅުންހުރި ފަރާތްތަކުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ވިލިނގިލީގައި މިއަދު ހުޅުވި "ގއ. ދަގެނާ" އަކީ ރާއްޖޭގައި ކޮމިއުނީޓީ ބޭސްޑް ފަރުވާގެ މޮޑެލްއަށް ހުޅުވި ފުރަތަމަ ސެންޓެރެވެ.

ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ސަރުކާރުން ހުޅުވި އެ ސެންޓަރުގެ ސަބަބުން މުޅި ރާއްޖެއަށް އޭގެ ފައިދާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި އަތޮޅަށް ފުރުމުގެ ކުރިން ރައީސްޖުމްހުރިއްޔާ އަރިހަށް ދިޔައިން. އަޅުގަނޑު ކައިރީ ވިދާޅުވި، މި މަސައްކަތް ނުހުއްޓި، ނަތީޖާ ނެރެވޭނެ ގޮތަށް ކުރިއަށް ދެވެންވާނެ ކަމަށް. އެ މެސެޖް ރައީސް ދެއްވި،" ނައިބު ރައީސް ވިދާޅުވި އެވެ.