އިނގެރޭސިވިލާތުން އައި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، ނަމަވެސް އޭނާ މާލެ އައީ ޝީ ބިލްޑިންގުގައި އޮތް ކައިވެނި ޕާޓީގެ ފަހުން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ޕާޓީއަށް 120 ވަރަކަށް މީހުން ދިޔައިރު، ރޯގާގެ އަލާމާތް ހުރި މީހުން ވެސް ޕާޓީއަށް ދިޔަ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ޔޫކޭ އިން އައި މީހަކު އެ ޕާޓީއަށް ދިޔަ ކަމަށާއި، އަދި އޭނާ އެ ޕާޓީގައި ބައިވެރިވިއިރު ބަލީގެ އަލާމާތް ހުރި ކަމަށް ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ނަމަވެސް އެޗްއީއޯސީން މިއަދު ބުނީ މިފަހުން ޔޫކޭ އިން އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާ އަކީ ޕާޓީގެ ކްލަސްޓާގައި ހިމެނޭ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށެވެ.

"ނަމަވެސް އޭނާ ޔޫކޭ އިން އައީ ޕާޓީގެ ފަހުން. އަދި އޭރު އުސޫލު އޮތް ގޮތުން އޭނާ ކަރަންޓީނު ވާކަށް ނުޖެހޭ،" އެޗްއީއޯސީން ބުންޏެވެ.

އެޗްއީއޯސީން ބުނީ އޭނާ މާލެ އައި ފަހުން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށުމުން ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި އެއީ ޔޫކޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑްގެ އާ ސްޓްރެއިންގެ ކޭސް އެއްކަން ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ރާއްޖެ އަންނަ އިރު 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތް ނަމަ، އެ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑް19ގެ އާ ވޭރިއެންޓެއް ފެތުރެން ފަށާފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެގައުމުން ރާއްޖެ އަންނަ މީހުން ކަރަންޓީނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.