ވޮޝިންޓަން (ޑިސެމްބަރު 28) : ކޮވިޑް-19 ގެ ސަބަބުން އެމެރިކާގައި ގެއްލުންތައް ލިބުނު މީހުންނަށް މާލީ އެހީ ފޯރުކޮށްދިނުމުގެ 900 ބިލިޔަން ޑޮލަރުގެ އެހީގެ ޕެކެޖާބެހޭ ބިލް އެންމެފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވައިފިއެވެ.

ބިލް ތަސްދީގު ކުރެއްވުމަށްފަހު ޓްރަމްޕް ވިދާޅުވިގޮތުގައި ބިލް ތަސްދީގުކުރުން އޭނާ ލަސްކުރެއްވީ އެއަށް އިސްލާހީ ބަދަލު ގެނައުމުގެ ބޭނުމުގައެވެ. އޭނާ ހުށަހެޅުއްވި ގޮތަށް ބަދަލުގެނައިނަމަ ރައްޔިތުންނަށް ލިބޭ ފައިސާގެ އެހީ އިތުރުވީސްކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި މިހާރު ބިލް އޮތްގޮތުން ކޮވިޑްގައި ގެއްލުންލިބުނު އެމެރިކާގެ އާންމުންނަށް ލިބޭނީ ކޮންމެ މީހަކަށް 600 ޑޮލަރުގެ ބަދަލެކެވެ. އޭނާ އެދިވަޑައިގެންނެވި ގޮތަށް ބަދަލުގެނައިނަމަ ކޮންމެ ރައްޔިތަކަށް 2000 ޑޮލަރުގެ ބަދަލެއް ލިބުނީސްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެހީގެ ބިލް ތަސްދީގު ކުރަން ޓްރަމްޕް ދެކޮޅު ހެއްދެވީ ސިޔާސީ ބޭނުމެއްގައެވެ. ކޮވިޑްގެ ގެއްލުން ލިބުނު ކޮންމެ ރައްޔިތަކަށް 2000 ޑޮލަރު ދޭގޮތަށް ބިލް އިސްލާހުކުރަން ޓްރަމްޕް ބޭނުންވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމުގައި އޭނާގެ ސަރުކާރު ވެފައިވާ އިހުމާލުތައް ފޫބައްދައި ރައްޔިތުންނަށް އޭނާއަކީ ރަނގަނޅު ރައީސެއްކަން ދެއްކުމުގެ ސިޔާސީ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބިލް ތަސްދީގު ކުރަން ޓްރަމްޕް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމަށްފަހު އެންމެފަހުން ރޭ ގެ ވަގުތެއްގައި ތަސްދީގު ކުރެއްވީ އެތަށް ފަރާތްތަކެއްގެ ފިއްތުންތައްވެސް ޓްރަމްޕަށް ކުރިމަތިވެގެން ކަމަށް މުރާސިލުން ބުނެއެވެ. ކޮވިޑް ގެ ގެއްލުންތަކަށް މާލީ އެހީ ދިނުމުގެ ބިލް ތަސްދީގު ކުރުމަށް ޓްރަމްޕަށް ފިއްތުންތައް ކުރިމަތިކުރި ފަރާތްތަކުގެ ތެޜޭގައި ލޮބީ ގްރޫޕްތަކާއި ސިޔާސީ ލީޑަރުންނާއި އަދި އާއްމު ރައްޔިތުންވެސް ހިމެނެއެވެ.

މި ބިލް ތަސްދީގު ކުރެއްވުމާއެކު މިހާރުވަނީ ތަންފީޒުކުރަން ޖެހޭ ގާނޫނަކަށް ވެފައެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)