28 Dec 2020, 08:43
ގައިގެ އެހެން ގުނަވަންތައް ފަދައިން ތުންފަތަކީވެސް އަހަރެމެން އަންހެނުންނާއި އަދި ފިރހެނުންވެސް ވަރަށް ރަނގަޅަށް ބަލަހައްޓަންޖެހޭ ތަނެެކެވެ. އެކި މޫސުމާއި އަދި ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުންވެސް ތުންފަތަށް އެކި އަސަރުތަކެއް ކުރެއެވެ. މިގޮތުން އެންމެ އާންމުކޮށް ދިމާވާ އެއްކަމަކީ ތުންފަތް މާބޮޑަށް ހިކި ހަންފޮޅުމެވެ. ކިތަންމެ އަގުބޮޑު ރީތިކުލައަކުން ތުންފަތް ޖަރީކޮށްލިޔަސް، އޮމާންކަމާއި އެކީ ރީތކޮށް ތުންފަތް ހުންނާނީ އެދެވޭގޮތެއްގައި ބަލަހައްޓައިގެނެވެ.
ތުންފަތް މާ ބޮޑަށް ހިކުމަކީ އަދި ތިމާ މާ ބޮޑަށް މާޔޫސްވާންޖެހޭ ކަމެއް ނޫނެވެ. ބައެއްފަހަރު މާ ކުޅިކޮށް ކެއުމުންނާއި، މާ ބޮޑަށް އަވީގައި ޖެހުން، މާ ފިނި ގަދަވުން، ކޮލެސްޓްރޯލް ދަށްކުރަން ކައިއުޅޭ ބާވަތްތަކަކުންވެސް މިކަމަށް މަގުފަހިކުރުވާ ކަމަށް ހަމުގެ ޑޮކްޓަރުން ވިދާޅުވެއެވެ.
ޕެޓްރޯލިއަމް ޖެލީ
މާބޮޑަށް ތުންފަތް ހިކޭނަމަ ބޭނުންކުރަންވީ އެންމެ ފުރަތަމަ އެއްޗަކީ ޕެޓްރޯލިއަމް ޖެލީ އެވެ. މިއީ ގިނަ އަދަދެއްގެ ލިޕް ބާމްތަކުގައިވެސް އެކުލެވޭ ބާވަތަކަށް ވާއިރު، ތުންފަތުގެ ތެތްކަން ހިފަހައްޓައިދީ އަދި މާ ބޮޑަށް ހިކިގެން ދިއުމުން ތުންފަތް ރައްކާތެރިކޮށްދިނުމަށް ޕެޓްރޯލިއަމް ޖެލީއަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އެހެންނަމަވެސް މިއީ ތުންފަތް މޮއިސްޗަރައިޒް ކޮށްދޭ އެއްޗަކަށް ނުވާތީ އެންމެ ބުއްދިވެރީ ރަނގަޅު ލިޕްބާމްއަކާއި އެކު ޕެޓްރޯލިއަމް ޖެލީ ބޭނުންކުރުމެވެ. ހަމައެޔާއެކު ފަހަރެއްގައި މިއީ ބައެއް މީހުން އެލާޖިކް ވެދާނެ އެއްޗަކަށްވާތީ މިކަމަށްވެސް ސަމާލުވެތިބެންޖެހެ އެވެ.
އަލޮވެރާ
އަލޮވެރާއަކީ މޮއިސްޗަރައިޒިން ޖެލްއެއް އުފައްދާ އެއްޗެކެވެ. އަލޮވެރާ ބޭނުންކުރުމުން ތުންފަތަށް ތެތްކަން ގެނެސްދެއެވެ. ތުންފަތް ކުޑަކޮށް ފަޅައިގެން ގޮސްފައި ހުންނަނަމަ އަލޮވެރާ ބޭނުންކުރުމުން އަވަހަށް ފަރުވާލިބިގެންދެއެވެ. މިއީ ފަސޭހައިން ގޭގައި ހެއްދޭ ބާވަތަކަށްވާއިރު، އަބަދުވެސް ފަސޭހައިން ލިބޭ ހިސާބުގައި އަލޮވެރާ ބެހެއްޓުން ރަނގަޅެވެ. ނޫންނަމަ ވިއްކަން ހުންނަ އަލޮވެރާ ޖެލްއަކީވެސް ބެނުންކުރެވިދާނެ އެއްޗެކެވެ
މާމުއި
މާމުއި އަކީ ވައިގައި ހުންނަ ތެތްކަން އެއަށް ދަމައިގަންނަ އަދި ތުންފަތް ފާރުވެފައި ވާނަމަ އެކަމަކަށް އޮތް ވަރަށް މޮޅު ހައްލެކެވެ. އަދި މާމުއި އަކީ އެންޓި ބެކްޓީރިއަލް އެއްޗަކަށްވުމުން މިފަދަ ފާރުތަކުގައި އިންފެކްޝަން އުފެދުމުންވެސް މާމުއި ދުރުކޮށްދޭނެ ކަމަށް ސްކިންކެއާ އެކްސްޕާޓުން ވިދާޅުވެއެވެ.
އަދި މާމުއި އަކީ އެކްސްފޯލިއޭޓާއެއްގެ ގޮތުގައިވެސް ބޭނުންކޮށް ތުންފަތުގައި ހުންނަ ޑްރައި ސްކިން ނައްތާލަދޭނެ އެއްޗެއްކަންވެސް ކަމުގެ މާހިރުން ވިދާޅުވެއެވެ. މާމުއި ތުންފަތުގައި ހޭކުމަށްޓަކައި، އަތް ދޮވުމަށްފަހު އިނގިލިންވެސް ނުވަތަ ކަފަކޮޅަކުންވެސް ތުންފަތުގައި ތުނިކޮށް ހޭކިދާނެ އެވެ. އެއަށްފަހު 20-30 މިނިޓު ވަންދެން ބެހެޢްޓުމަށްފަހު ފޮހެލާށެވެ.
ކާށިތެޔޮ
މިކަމުގައި ކާށިތެލަކީ ދިވެހިންނާއި އެންމެ ރަހުމަތްތެރި އެއްޗަށްވުން ގާތެވެ. ޒަމާނުއްސުރެ އަހަރެމެންގެ އަމިއްލަ ބަދިގެތަކުގައި ކާށިތެޔޮ ތައްޔާރުކުރާއިރު، މިއީ ތުންފަތުގައި ހުންނަ ތެތްކަން ހިފަހައްޓައިދިނުމުގައި މުހިންމު ރޯލެއް އަދާކޮށްދޭނެ ބާވަތެކެވެ. ތުންފަތް މާބޮޑަށް ހިކި، ބާރުވެ ތަދުވާނަމަ ކާށިތެޔޮ އަކީ ރަނގަޅު ފަރުވާއެކެވެ. އަދި ހަކުރާއި އެކީ ބޭނުންކުރަން މިއީ ހަމަ އެއްވަނައިގެ އެކްސްފޯލިއޭޓާއެއްވެސް މެއެވެ.
ޝުގާ ސްކްރަބްއެއް ތައްޔާރުކޮށްލާ!
ތުންފަތަށް ބޭނުންވާ ތެތްކަމާއި ތާޒާކަން ފަހަރެއްގައި ނައިސްގެން ތިއުޅޭ އެންމެ ބޮޑު އެއްސަބަބަކީ ތުންފަތުގައި ތިހިރަ ޑެޑް ސެލްސްތަަކަށްވުން އެކަށީގެންވެއެވެ. އެހެންކަމަށްވާނަމަ މިއީ އަމިއްލަ އަށް ގޭގައި ތިބެގެން ތައްޔާރުކުރެވިދާނެ ފަސޭހަ އެކްސްފޯލިއޭޓާ އެކެވެ.
1 މޭޒުމަތީ ސަމްސާއަށް ހަކުރަށް ހަމަ އެވަރުގެ ކާށިތެޔޮ ކޮޅެއް ނޫނީ މާމުއި ކޮޅެއް އާޅާ ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު އިނގިލީގެ ކޮޅުން ތުންފަތުގައި ތުނި ފަށަލައެއްހެން ހާކާލާށެވެ. އެއަށްފަހު 1 މިނިޓްވަންދެން ވަށްބުރުތަކެއް ހެން އިނިގިލިން ހާކާލާށެވެ. ދެން ތުންފަތުގައި ގިނަވެފައި ހުރި ސްކްރަބްކޮޅު ފޮހެލާފައި ކާށިތެޔޮ ނުވަތަ ޕެޓްރޯލިއަމް ޖެލީކޮޅެއް ހާކާލާށެވެ.