ހިޔާލު ތަފާތުވުމުގެ ބޭނުމަކީ ރަނގަޅު، ބިނާކުރަނިވި އަދި ފައިދާކުރަނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގއ. ވިލިނގިލީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ހިޔާލު ތަފާތުވުމަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ދެވޭ ފުރުސަތަކަށް ނުހެދުމަށެވެ. އަދި ހިޔާލު ތަފާތުވުމުގެ ތެރެއިންވެސް އޯގާތެރިކަމާއި އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ ރިވެތި އާދަތައް އިސްކުރުމަށްވެސް އެމަނިކުފާނު ގޮވާލާފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ގައުމަށް ކުރިމަތިވެފައިވާ އިގުތިސޯދީ އަދި އިޖުތިމާއީ ބޮޑެތި މައްސަލަތަކުން ސަލާމަތްވެވޭނީ އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށްގެން ކަމަށެވެ. އަދި އެފަދަ ހާލަތުގައި އަދާވާތްތެރިކަމާއި ނަފްރަތުން ދުރުހެލިވުން މުހިއްމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއްބައިވަންތަ ކަމުގެ ދުވަހަށް އަލިއަޅުވާލާ އެމަނިކުފާނު ވިދާޅުވީ ސުނާމީގެ ކާރިސާއާ ގުޅިގެން ފާހަގަކުރާ އެއްބައިވަންތަ ކަމުގެ ދުވަހުގައި މިސާލަކަށް ނަގަންވީ ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރީތި ނަމޫނާ ކަމަށެވެ.

އަދި އޭގެއިތުރަށް އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހީން އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫހު ކަމަށެވެ. ހަމައެހެންމެ އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ސުލޫކު ހެޔޮ ދަރިންތަކެއް ބިނާކުރެވޭނީ، އަދި ތަރައްގީ ހާސިލުކުރެވޭނީ، އަދި އަމާން ގައުމެއް ކަށަވަރު ކުރެވޭނީވެސް އެކުވެރިކަމާއި އެއްބައިވަންތަކަށް އިސްކޮށްގެން ކަމަށެވެ.