27 Dec 2020, 22:19
ރައްޖެއިން މިއަދު 26 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ކޮވިޑް-19 އަށް ނެގި 2،746 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 26 މީހުން ކަމަށެވެ.
މިއަދު ފެނުން ކޭސްތަކުގެ އަދަދަކީ އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދަށްވުރެ ދަށް އަދަދެކެވެ. އެގޮތުން އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 35 މީހުންނެވެ.
މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން މާލެއިން ފެނިފައިވަނީ 22 ކޭސްއެވެ. ބާކީ ޕޮޒިޓިވް ވެފައިވަނީ އޮޕަރޭޝަނަލް ރިސޯޓުތަކުން ތިން މީހަކާއި މީހުން އުޅޭ ރަށްތަކުން އެކަކެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،644 އަށް އަރައިފައެވެ.
ކޮވިޑް ޖެހުނު 13،072 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ކޮވިޑް ޖެހިފައިވާ 517 މީހުން އެބަތިއްބެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދަނީ ޖުމުލަ 33 މީހަކަށެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހުން ވަނީ މަރުވެފަ އެވެ