އައްޑޫ ސިޓީގައި ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލު ހިންގުމަށް އަލުން ބީލަމަށް ހުޅުވާލުމަށް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނިންމައިފި އެވެ.

އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން އެ ސިޓީއަށް ވަނީ މިއަދު ވަޑައިންނަވާފައެވެ.

އެ ދަތުރުގައި މަޖިލިސް މެމްބަރުން މިއަދު ވަނީ އޭއައިއޭގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އޭއައިއޭއިން ފާހަގަކޮށްފައިވާގޮތުގައި އަންނަ އަހަރުގެ ޖުލައި މަހުގައި ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ.

އެހެންކަމުން ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން އާކުރުމުގެ ބަދަލުގައި ފްލައިން ސްކޫލު އަލުން ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލަން ވިސްނާފައިވާ ކަމަށް އޭއައިއޭއިން ބުނެއެވެ.

އެގޮތަށް ނިންމާފައިވަނީ މިހާރު ފްލައިން ސްކޫލު ހިންގާގޮތުގެ ސަބަބުން އޭއައިއޭއަށް ގެއްލުންވާތީ ކަމަށް އެ އެއާޕޯޓުން ބުނެއެވެ.

އައްޑޫ ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް މީގެކުރީންވެސް ދެ ފަހަރެއްގެ މަތީން ވަނީ ހުޅުވާލާފައެވެ.

ފްލައިން ސްކޫލުގެ މައްސަލައާ ގުޅިގެން އެ މައްސަލަ ބެލުމަށްޓަކައި މަޖިލީހުން މިއަދު އައްޑޫއަށް ގޮސް އޭއައިއޭއާ ބައްދަލުކޮށްފައިވާއިރު އައްޑޫ ސިޓީ ކައުންސިލުގެ އިތުރުން ފްލައިން ސްކޫލުގެ މެނޭޖްމެންޓް އަދި ސްކޫލުގެ ދަރިވަރުންނާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައި ގޮސްފައިވާ ކަމަށާއި ދަރިވަރުންގެ ހައްގުތައް އޭއޭއޭ އިން ކަށަވަރުކޮށް ނުދޭކަމަށް ބުނެ ދަރިވަރުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ކޯސް ނިންމުން ދިގުލައި ދިޔުމުގައި އޭއޭއޭގެ އިހުމާލު އޮތްނަމަވެސް ދަރިވަރުން ކޯހުން ވަކިކުރާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.