27 Dec 2020, 20:13
މިއަދު ތަސްދީގުކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމުކޮށްދެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަގާމުގައި ތިބި ފުލުހުންގެ އިސް އޮފިސަރުން މަގާމުތަކުން ދުރުކުރެވޭ އިސްލާހާއެކު މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަދު ތަސްދީގުކުރައްވާފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ތިން މަސް ފަހުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމަށެވެ.
އަދި އޭގެއިތުރުން ރާއްޔިތުންނަށް އަމާން ގާއިމުކޮށް ފުލުހުންގެ ހިދުމަތަށް ގެންނަންވާ ބަދަލު އަންނާނެ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
"މިއީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރެވުނު މުހިއްމު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް މުޖުތަމައަކަށް ހެދުމަށްޓަކައި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ފުލުހުންގެ ބިލުގައި ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ފުލުސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.