27 Dec 2020, 17:24
އުތުރާއި ދެކުނުގެ ޓުއަޒަމްގެ ބިމު ކުލި ބޮޑުތަނުން ކުޑަކުރަން ޓުއަރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.
މިއަދު ތަސްދީގުކުރައްވާފައިވާ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުގައެވެ.
މިއަދު ތަސްދީގުކުރެއްވި ބިލުގައި ކަނޑައަޅާފައިވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގެ ޓުއަރިޒަމަށް ދޫކުރާ ބިންތަކުގެ ކުއްޔަށް ބަދަލު ގެންނަ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ. މީގެ ކުރިން ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ބިމު ކުލީގެ ގޮތުގައި ނަގަނީ އެއް އަގުތަކެކެވެ.
މަޖިލީހުން ފާސްކުރީ، އައްޑޫ އާއި ފުވައްމުލަކުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް ނަގާނީ އަހަރަކު ދެ ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކު ބޮޑުވެގެން 400،000 ޑޮލަރެވެ. ހަތަރު ލައްކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކަށް ބޮޑުވެގެން 800،000 ޑޮލަރުގެ ކުއްޔެކެވެ.
ހއ، ހދ އަދި ށ. އަތޮޅުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރަކު ހަތަރު ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އަހަރަކު 750،000 ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު އެއް މިލިއަން ޑޮލަރެވެ.
ތ، ލ، ގއ. އަދި ގދ. އަތޮޅުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރު ހަ ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކަށް އެންމެ ބޮޑުވެގެން ނަގާނީ އަހަރަކުު 1.1 މިލިއަން ޑޮލަރެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު ނަގާނީ 1.5 މިލިއަން ޑޮލަރުގެ ކުއްޔެކެވެ.
މާލެ ސަރަހައްދު ހިމެނޭ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، އަދި ދ ކުލި ނަގަން ބިލުގައި ހިމަނާފައިވަނީ މިހާރުވެސް ނަގާ އަދަދަށެވެ. އެގޮތުން ދެލައްކަ އަކަ މީޓަރަށްވުރެ ކުޑަ ބިންތަކަށް އަކަ މީޓަރަކަށް އަހަރަކު އަށް ޑޮލަރެވެ. ދެލައްކަ އާއި ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިންތަކުން އެންމެ ބޮޑުވެގެން އަހަރަކު ނެގޭނީ 1.5 މިލިއަން ޑޮލަރުގެ ކުއްޔެކެވެ. ހަތަރު ލަކައިން މަތީގެ އަކަ މީޓަރަށްވުރެ ބޮޑު ބިންތަކަށް އަހަރަކު ދެ މިލިއަން ޑޮލަރެވެ.