27 Dec 2020, 17:22
އިލިނޯއި (ޑިސެމްބަރު 27) : އެމެރިކާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ އިލިނޯއިގައި ދިން ބަޑީގެ ޙަމަލާތަކެއްގައި 3 މީހުން މަރުވެ އިތުރު 2 މީހުން ޒަޚަމްވެއްޖެއެވެ.
އިލިނޯއި ގެ ފުލުހުން ބުނާގޮތުން ބަޑިޖެހުމުގެ މިހާދިސާ ހިނގީ އެސްޓޭޓްގެ ރޮކްފޯޑް ސަރަހައްދުގައިވާ އިންޑޯ ކުޅިވަރުކުޅޭ ހޯލެއްގައެވެ. މި ހާދިސާއަށްފަހު ފުލުހުންވަނީ 37 އަހަރުގެ ދޮންމީހަކު އެހޯލުގެ ކައިރިން ހައްޔަރުކޮށްފައެވެ. އެއީ ބަޑީގެ ހަމަލާތައްދިން ކަމަށް ޝައްކުކުރެވޭ މީހާ ނަމަވެސް އެއީ އެމީހާކަން ކަށަވަރެއް ނުވެއެވެ.
މިހާދިސާއަށްފަހު ރޮކްފޯޑް ސަރަހައްދުގެ ފުލުހުން ބޭއްވި ނޫސްކޮންފަރެންސެއްގައި އެސަރަހައްދުގެ ފުލުހުންގެ ވެރިޔާ ޑޭން އޯޝިއާ ވިދާޅުވީ ބަޑިން ޙަމަލާދިން މީހާ އެކަންކުރި ބޭނުން ދެނެގަތުމުގެ ތަހްގީގްތައް ފަށާފައިވާ ކަމަށާ ބަޑިޖެހުމުގެ ހާދިސާއަށްފަހު ފުލުހުން ހައްޔަރުކުރި 37 އަހަރުގެ މީހާއާ ސުވާލުކުރުމުން ތަހްގީގްތަކަށް ކުރިއެރުން ލިބެމުންދާކަމުގައެވެ. ހައްޔަރުކުރި އެއީ ބަޑީގެ ހަމަލާތައްދިން މީހާކަން ނުވަތަ ނޫންކަން ޑޭން އޯޝިއާ ކަށަވަރު ކޮށެއްނުދެއެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އިތުރު މީހަކު ހޯދަން މަސައްކަތް ނުކުރާކަމަށް ޑޭން އޯޝިއާ ވިދާޅުވިއެވެ.
އިލިނޯއި ގައި ބަޑީގެ ޙަމަލާތަކެއް ދީފައިމިވަނީ އެމެރިކާގެ ނަޝްވިލް ސިޓީގައި ބާރުގަދަ ބޮމެއް ގޮއްވާލިތާ 48 ގަޑީއިރުވެސް ނުވަނީހެވެ. ނަޝްވިލްއަކީ އެމެރިކާގެ އިރުދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެނަސީގެ ސިޓީއެކެވެ. ނަޝްވިލްގައި ބޮން ގޮއްވާލި ސަރަހައްދުން އިންސާނުންގެ ހަށިތަކުގެ ކުދިކުދިވެފައިޥާ ބައިތަކެއް ފެނުކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަޝްވިލްގައި ގޮއްވާލި ބޮމުގެ ބޭނުމާއި އޭގެފަހަތުގައިވާ ފަރާތަކާބެހޭ ތަފްސީލް އެމެރިކާގެ ފުލުހުން ދީފައެއްނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ނަޝްވިލްގެ ބޮމުގެ ފަހަތުގައިވާ ކަމަށް ބެލެވިފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ދޮންމީހުންގެ ހައްދު ފަހަނަޅާފައިވާ ޖަމާއަތެކެވެ. އެމެރިކާގައި ދާދިފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް ރައީސް ޓްރަމްޕާއި އޭނާގެ ސަޕޯޓާރުންގެ ތެރޭގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ދެކޮޅުހަދާއިރު ޓްރަމްޕް މަސައްކަތް ކުރައްވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަސްދީގު ކުރުމަށް އަންނަ ޖަނަވަރީ މަހުގެ 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްގެ ދެ ގޭގެ މެންބަރުން އެއްކޮށް ބާއްވާ ޖަލްސާއިން އެކަން ވިޔަ ނުދިނުމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށްބަލާއިރު ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކުރެއްވީ ޓްރަމްޕްގެ ވާދަވެރިޔާ ޖޯ ބައިޑަން ކަން އިލެކްޓަރުން ވަނީ ރަސްމީކޮށް އިޢުލާނުކޮށްފައެވެ. ނަމަވެސް ކޮންގްރެސްގެ ދެ ގޭގެ މެންބަރުން އެއްކޮށް ބާއްވާ ޖަލްސާގެ އަޣްލަބިއްޔަތުން މިނަތީޖާ ތަސްދީގުކުރުމަށްފަހު އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މި ނަތީޖާ ރަސްމީކޮށް އިއްވަވަންޖެހޭނެއެވެ.
ޓްރަމްޕް ގެންދަވަނީ ކޮންގްރެސްގެ ދެ ގޭގެ މެންބަރުން އިންތިޚާބުގެ ނަތީޖާ ތަސްދީގު ކުރިޔަ ނުދިނުމަށާއި އަދި ތަސްދީގު ކުރިނަމަވެސް ތަސްދީގުކުރި ނަތީޖާ އިއުލާން ކުރުމަށް ހުރަސްއެޅުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ނަތީޖާ އިއުލާން ނުކުރުމަށް އެދި ޓްރަމްޕްގެ ފަރާތުން ނައިބު ރައީސް މައިކް ޕެންސަށް ބޮޑެތި ފިއްތުންތައް ކުރިމަތިވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)