މި މަހު ޝޫޓިން ފެށި "ދަމާކާ" ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލައިފިއެވެ.

އެކްޓަރު ކާތިކް އާރްޔަން 30، ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން އަށް 20 ދުވަސް ތާވަލްކުރި ނަމަވެސް އެ ފިލްމުގެ މަސައްކަތް ކާތިކް ވަނީ އެންމެ 10 ދުވަސްތެރޭ ނިންމާލާފައެވެ. އާންމުކޮށް ފިލްމެއްގެ ޝޫޓިން މަހެއް ދެމަހެއްހާ ދުވަހަށް ދެމިގެންދާއިރު ބޮޑު ފީޗާ ފިލްމެއް އެންމެ 10 ދުވަސްތެރޭ ޝޫޓްކޮށް ނިންމާލުމަކީ ފިލްމުގެ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ރާމް މަދުވާނީ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގައި ކާތިކް ފެންނާނީ ވަރުގަދަ ނޫސްވެރިއެއްގެ ރޯލުންނެވެ. ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ގެނެސްދޭ މި ފިލްމު ސްކްރީންކުރާނީ އަންނަ އަހަރުއެވެ. ދަމާކާ އަކީ ތްރިލާ ޖޯންރާ އަށް ތައްޔާރުކުރާ ފިލްމެކެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެއެވެ. އެކްޓަރު ކާތިކްގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އަދި "ދޯސްތާނާ 2" ހިމެނެެއެވެ.