ބްރަސެލްސް (ޑިސެމްބަރު 27): ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ގައުމުތަކުން، އެގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާސަލާ ވޮން ޑާ ލަޔަން ވިދާޅުވި ގޮތުގައި އެ އިއްތިހާދުގެ ހުރިހާ މެމްބަރު ގައުމުތަކަށް މިހާރު ފައިޒާ ވެކްސިން ވަނީ ފޮނުވާފަ އެވެ. އަދި ގިނަ ގައުމުތަކުން ވެކްސިން ޕްރޮގްރާމް ފަށަން ހަމަޖެހިފައި ވަނީ މިއަދު ކަމަށްވީ ނަމަވެސް ހަންގޭރީ އާއި ސްލޮވާކިއާ ފަދަ ބައެއް ގައުމުތަކުން ވަނީ އިއްޔެ ވެކްސިން ދޭން ފަށާފަ އެވެ.

"ކޮވިޑް 19 ވެކްސިން އީޔޫގެ ހުރިހާ ގައުމުތަކަށް ވަނީ ފޮނުވާފަ. އީޔޫގައި މާދަމާ ވެކްސިން ޖަހަން ފަށާނެ،" ވޮން ޑާ ލަޔަން އިއްޔެ ވިދާޅުވި އެވެ.

އީޔޫގެ 446 މިލިއަން މީހުންގެ އާބާދީއަށް މިއަދު ވެކްސިން ދޭން ފަށާއިރު އެ އިއްތިހާދުގެ ބައެއް ގައުމުތަކުން ވަނީ އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިން ފެނިފަ އެވެ. އަދި އެ ގައުމުތަކުގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުންނަށެވެ.

އީޔޫގައި މިހާތަނަށް 14 މިލިއަން މީހުންނަށް ކޮވިޑު ޖެހި، ބަލީގައި 335،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެ އިއްތިހާދުން ވަނީ ދެ ބިލިއަން ވެކްސިން ޑޯޒް ހޯދުމަށް އެކި ވެކްސިންތައް އުފައްދާ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދާފަ އެވެ.