ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއަށް ވެންނެވުމަށާއި ގައުމުގެ ވަހުދަތާއި އެއްބައިވަންތަކަން ހިމާޔަތްކުރައްވައި ރައްޔިތުންނާ މެދު އޯގާތެރިވެވަޑައިގަތުމަށް އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވާލައިފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ކަންތައްތައް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދިރާސާ ކުރުމަށް ފަހު، މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު ކުރާ މުޒާހަރާތަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ ގާޒީގެ ގެއަށް އަސްކަރީ ބާރުތަކުން ވަދެ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް އޭނާ ހައްޔަރުކުރުމާ ގުޅިގެން، ރާއްޖޭގެ ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރަށް ސަރުކާރުން ނުކިޔަމަންތެރިވެ، ގާނޫނާ ހިލާފަށް ސަރުކާރުން ހިންގަމުން ގެންދާ ކަންތައްތަކުގެ ސަބަބުން ކުރިއަށް ގެންދާ މުޒާހަރާތަކެއް ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންތެރިކަން އަދާނުކުރުމަށް ފުލުހުންނަށާއި ސިފައިންނަށް އަދާލަތުން ވަނީ ގޮވާލާފަ އެވެ.

"މީހުންގެ ފުރާނަ އާއި ލޭ ހިމާޔަތްކުރައްވައި އެއުރެންގެ އަޑު އެއްސެވުމަށް ދައުލަތުގެ ވަލިއްޔުލްއަމުރަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަން،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

އަދާލަތުން ބުނީ ޑިސެންބަރު 23ގެ އިއްތިހާދުން ހިންގަމުން ގެންދަނީ ސުލްހަވެރި މުޒާހަރާތަކެއް ކަމަށް އަދާލަތު އިލްމުވެރިންގެ މަޖިލީހުން ގަބޫލްކުރާ ކަމަށެވެ. އަދި އަބްދުﷲ ގާޒީ މިހާރުން މިހާރަށް ދޫކޮށްލުމަށް އަސްކަރީ ބާރުތަކަށް ގޮވާލައި، ޣައިރު ގާނޫނީ މިއަމަލު ހިންގާފައިވާ އެންމެހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މުޒާހަރާ ކުރުމުގައި މީސްމީހުންގެ ފުރާނަ އާއި ގެދޮރާއި ދައުލަތުގެ މުދަލާއި މުއައްސަސާތަކާއި ގަސްގަހާ ގެއްސަށް އެއްވެސް ގެއްލުމެއް ނުދިނުމަށް ވެސް އަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ. އަދި ސުލްހަވެރި އެއްވުންތަކުގެ ތެރެއަށް ވަދެ ފިތުނަ އުފެދި މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އަދާލަތުން ވަނީ އިލްތިމާސްކޮށްފަ އެވެ.