ވޮޝިންޓަން (ޑިސެމްބަރު 27) : ކޮވިޑް-19 ކޮންޓްރޯލްކޮށް އިގްތިސާދު ހަމައަކަށް އެޅުވުމުގައި ޗައިނާ ހޯދި ކާމިޔާބާއި އެވަބާ ކޮންޓްރޯލް ނުކުރެވި އެމެރިކާގެ އިގްތިސާދު އިނދަޖެހުނު އިނދަޖެހުމުގެ ސަބަބުން އިގްތިސާދީ ދުވެލި މާބޮޑުތަނުންވެސް ޗައިނާ ކުރިޔަށް ޖައްސާލައިފި ކަމަށް ހުޅަނގުގެ އިގްތިސާދީ ދިރާސާއެއް ބުނެފިއެވެ.

ކޮވިޑްގެ ސަބަބުން އެމެރިކާގެ މައްޗަށް ޗައިނާ ކުރިހޯދައި ސްޕީޑް އަވަސްކޮށްފި

ލަންޑަންގައި މަރުކަޒު ހުންނަ "ސެންޓަރ ފޯ އިކޮނޮމިކްސް އެންޑް ބިޒިނަސް ރިސާޗް (ސީއީބީއާރު) އިން ނެރުނު 2020 ވަނަ އަހަރުގެ ދުނިޔޭގެ އިގްތިސާދީ ދިރާސާ ރިޕޯޓް ބުނާގޮތުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޗާއިނާ ކާމިޔާބު ހޯދިއިރު އެމެރިކާ ވަރަށް ބޮޑަށް ނާކާމިޔާބުވުމުން އެދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ ތަފާތު ބޮޑުވެ ޗައިނާކޮޅަށް އިގްތިސާދީ ދުވެލިގެ ތިލަފަތް ބަރުވެއްޖެ ކަމުގައެވެ. މިހާރުގެ ދިރާސާތައް ދައްކާގޮތުން ކޮވިޑް-19 ގެ ސަބަބުން އިނދަޖެހުނު އެމެރިކާގެ އިގްތިސާދު އަލުން އަރައިގަންނަންފަށާނީ 2021 ގެ ފަހުކޮޅާއި 2022 ގެ ކުރީކޮޅުގައި ކަމަށާ ޗައިނާގެ އިގްތިސާދު މީގެ 4 މަސްކުރިން އަރައިގަންނަން ފަށާފައިވާ ކަމުގައެވެ.

އެމެރިކާއަށް ކޮވިޑް މެނޭޖް ނުކުރެވުނީ މާހިރުން ލަފާކުރިވަރަށްވުރެ މާބޮޑަށް

ކޮވިޑް-19 ގެ ވަބާ އެމެރިކާއަށް މެނޭޖް ނުކުރެވުނީ އިގްތިސާދި މާހިރުންވެސް ލަފާކުރިވަރަށް ވުރެ މާބޮޑަށް ކަމަށާ އެކަމުގެ ނޭދެވޭ އަސަރުގެ ސަބަބުން ޗައިނާގެ ކޮޅަށް އިގްތިސާދީ ދުވެއްޔާއި އިގްތިސާދީ ތިލަފަތް ބަރުވެއްޖެކަން މުޅިން ޔަގީން ވެފައިވާ ކަމަށް "ސީއީބީއާރު" ން ނެރުނު 2020 ގެ ރިޕޯޓު ބުނެއެވެ.

2025 ގައި ޗައިނާގެ އިގްތިސާދު އެމެރިކާގެ އިގްތިސާދުގެ މައްޗަށް ގަދަވެގަންނާނެ

މި ރިޕޯޓް ބުނާގޮތުން ކުރިން އިގްތިސާދީ ލަފާކުރުންތައް ދައްކަނީ ޗައިނާގެ އިގްތިސާދަށް އެމެރިކާގެ އިގްތިސާދުގެ މައްޗަށް ގަދަވެގަނެވޭނީ 2030 ގައި ކަމުގައެވެ. ނަމަވެސް ކޮވިޑް-19 އާއެކު އެމެރިކާގެ އިގްތިސާދު އަޑިއަޅާލި އަޑިއަޅާލުމާއި އެ ވަބާގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތައް ފޫބެއްދުމުގައި ޗައިނާ ހޯދި އާދަޔާ ޚިލާފު ކާމިޔާބީގެ ސަބަބުން ލަސްވެގެން 2025 ގައި އެމެރިކާގެ އިގްތިސާދުގެ މައްޗަށް ޗައިނާގެ އިގްތިސާދު ގަދަވެގަންނާނެ ކަމަށް "ސީއީބީއާރު" ގެ ރިޕޯޓްގައި ތަޖްރިބާކާރުން ލަފާކުރައްވާފައިވެއެވެ.

2021 އާއި 2025 އާ ދެމެދު ޗައިނާގެ އިގުތިސާދު އަހަރަކު 5.7 އިންސައްތާގައި ކުރިއަރާނެ ކަމަށް އިގްތިސާދީ ލަފާކުރުންތައް ދައްކާކަމަށް "ސީއީބީއާރު" ގެ ރިޕޯޓް ބުނާއިރު މިމުއްދަތުގައި އެމެރިކާގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފައި ވަނީ 1.6 އިންސައްތައާއި 1.9 އާ ދެމެދުގެ މިންވަރެއްގައެވެ. މި ރިޕޯޓް ބުނާގޮތުން ދުނިޔޭގެ 3 އިގްތިސާދުގެ ގޮތުގައި ކުރިޔަށް އޮތް 10 އަހަރުގައިވެސް ޖަޕާން ދެމިއޮންނާނެއެވެ. މާނައަކީ 2030 ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ 3 ވަނަ އިގްތިސާދުގެ ގޮތުގައި ހިފެހެއްޓުމުގެ ބާރާއި ގާބިލްކަން ޖަޕާން ގެ ކިބާގައި ހުންނާނެކަން ލަފާކުރުންތަކުން ދައްކާކަމެވެ.

ދުނިޔޭގެ 3 ވަނަ އިގްތިސާދަކަށް ވެގެންދާނީ އިންޑިއާ

ނަމަވެސް 2030 ގެ ފަހުން ދުނިޔޭގެ 3 ވަނަ އިގްތިސާދު ކަމުގައި ވެގެންދާނީ އިންޑިޔާއެވެ. މިއާއެކު ދުނިޔޭގެ 4 ވަނަ އިގްތިސާދަށް ޖަޕާން ވެއްޓިގެންދާނެއެވެ. މިހާރު ދުނިޔޭގެ 4 ވަނަ އިގްތިސާދުގެ ގޮތުގައި އޮތް ޖަރުމަނު 2030 ގައި ދުނިޔޭގެ 5 ވަނަ އިގްތިސާދަށްވެ ޖަރުމަނުގެ މައްޗަށް އިންޑިއާ ކުރިހޯދާނެއެވެ.

މިހާރު ދުނިޔޭގެ އިގްތިސާދަށް ބަލާއިރު ފާހަގަކުރެވޭ ޚަބަރަކީ ކޮވިޑް-19 ކޮންޓްރޯލްކޮށް އިގްތިސާދު ހަމައަކަށް އެޅުވުމުގައި ޗައިނާ ހޯދި ކާމިޔާބާއި އޭގެ ނަތީޖާއެއްގެ ގޮތުން ޗައިނާގެ އިގުތިސާދު ދުވެލި އަވަސްވެގެންދާ ދިޔުން ކަމަށް މި ރިޕޯޓް ނެރުއްވަމުން "ސެންޓަރ ފޯ އިކޮނޮމިކްސް އެންޑް ބިޒިނަސް ރިސާޗް (ސީއީބީއާރު) ގެ ޗެއާމަން ގެ ނައިބު ޑރ. ޑަގްލަސް މެކްވިލިއަމްސް ވިދާޅުވިއެވެ. މެކްވިލިއަމްސް ވިދާޅުވިގޮތުގައި ހާމަކަންބޮޑު ހަގީގަތަކީ އެމެރިކާވެސް އަދި ޔޫރަޕްގެ ގައުމުތަށްވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވުމާއި އޭޝިއާގެ ގިނަ ގައުމުތައް މި ވަބާ ކޮންޓްރޯލް ކުރުމުގައި ހުޅަނގަށްވުރެ މާބޮޑުތަން ކާމިޔާބު ކަމެވެ.

އެމެރިކާއާއި ޔޫރަޕް ފިލާވަޅު ހޯދަންވީ އޭޝިއާއިން

މި ހަގީގަތުގެ އަލީގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ފިލާވަޅާއި ތަޖްރިބާ ހޯދަންވީ އޭޝިޔާގެ ގައުމުތަކުން ކަމަށާ އޭޝިއާގައި ކަންކަންކުރާގޮތް ބަލައި އެކަމަށް ސަމާލުކަން ދިނުން އެމެރިކާއާއި ޔޫަރަޕަށް މުހިއްމު ކަމަށް މެކްވިލިއަމްސް ވިދާޅުވިއެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)