ސަރުކާރުގެ ޝިޕިން ކުންފުނި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ (އެމްއެންއެސްއެލް)ގެ އޮޕަރޭޝަންތައް އަންނަ ޖޫންމަހު ހުއްޓާލައި ޝިޕިން ކޯޕަރޭޝަން އޮފް މޯލްޑިވްސް (އެސްސީއެމް)ގެ ނަމުގައި އާ ޝިޕިން ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.

ރައްޔިތުން މަޖިލީހުން ފާސްކުރިގޮތަށް އެމްއެންއެސްއެލް އުވާލައި އާ ޝިޕިން ލައިނެއް އުފެއްދުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު މިއަދު ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރައްވަމުން އެމްއެންއެސްއެލްގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ވިދާޅުވީ މިހާރުގެ ބޯޑުން އެ ކުންފުންޏާއި 2010 ވަނަ އަހަރު ހަވާލުވިއިރު އެ ކުންފުނީގެ ދަރަނި 16.46 މިލިއަން ޑޮލަރަށް އަރާ އިރު ޖުމްލަ އެސެޓްގެ އަގަކީ 2.54 މިލިއަން ޑޮލަރު ކަމަށެވެ.

"އެމްއެންއެސްއެލްއަކީ ކުރިއަށް ގެންދެވިދާނެ ކުންފުންޏެއްތޯ ބެލުމަށް ހަވާލުކުރެއްވީ އަޅުގަނޑުމެންނާ. އެ ދުވަހުން ފެށިގެން ރާއްޖޭން ބޭރާއި އެތެރޭގެ ދަރަނި ތަކާއި އަރަނިތައް ދެނެގަތުމަށްފަހު މިގޮތުން ބެލިބެލުމުގައި ތަނުގެ ހާލަތުވަނީ ވަރަށް ދަށުދަރަޖައަކަށް ވެއްޓިފައިކަން އަޅުގަނޑުމެންނަށް ފެނުނު،" ޝަރީފް ވިދާޅުވި އެވެ. "އާ ކުންފުންޏެއް ހެދުމަށް ބޭނުންވާ ބިޒްނަސް ޕްލޭން ވެސް ނިމި މިހާރު ވަނީ ސަރުކާރަށް ހުށަހެޅިފައި. ޖޫން މަހު ތެރޭ އެ ކުންފުނި އުފެއްދޭނެ،"

ޝަރީފް ވިދާޅުވީ ކުންފުނި ބަންދުކުރުމުގެ ކުރިން އެންމެ ބޮޑު އިސް ކަމެއް ދިނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ހުރި އެމްއެންއެސްއެލްގެ ދަރަނިތައް ހަލާސްކުރުމަށް ކަމަށެވެ. އެގޮތުން އެ ކުންފުނީގައި މިހާރު އޮތް ނުވަ އުޅަނދަކާއި ސިންގަޕޫރުގައި ހުރި ދެ އެޕާޓްމަންޓުގެ ތެރެއިން އެއް އެޕާޓްމަންޓް ވިއްކާލައިގެން ލިބުނު ފައިސާއިން ސިންގަޕޫރުގައި އޮތް އެ ކުންފުނީގެ ދަރަނި ހަލާސްކޮށް ނިމިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ބަޖެޓްގައި އެ ކުންފުންޏަށް ކަޑައެޅި ފައިސާއިން ވެސް ދަރަނި އަދާކުރުމަށް ހޭދަކުރިކަމަށް ޝަރީދު ވިދާޅުވި އެވެ. ކުންފުނި ޖޫންމަހު ބަންދުކުރާއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 2.5 މިލިއަން ޑޮލަރު އޮންނާނެ ކަމަށާއި އެއީ އެ ކުންފުނިން ބީއެމްއެލްއަށް ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކޮށްގެން މިވަރަށް ދަރަނި މިކުޑަކުރީ. މި [އެމްއެންއެސްއެލްގެ އިމާރާތް] އިމާރާތް ކުއްޔަށް ދީގެން އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން މިހާރު ކުންފުނި މި ހިންގަނީ ވެސް،" ޝަރީފް ވިދާޅުވި އެވެ.
އެސްސީއެމްގެ ނަމުގައި އުފައްދާ އާ ކުންފުނި ވުޖޫދަށް އައުމުން އެމްއެންއެސްއެލް ބަންދުކުރާއިރު ދަރަނީގެ ގޮތުގެ ބާކީހުރި 2.5 މިލިއަން ޑޮލަރު ދައްކާ ނިންމަން ވިސްނާފައި ވަނީ އާ ކުންފުނިން ލިބޭ ފައިދާއިން ކަމަށްވެސް ޝަރީފު މިއަދު ވިދާޅުވި އެވެ.

"މީގެ ކުރިން މި ކުންފުނި [އެމްއެންއެސްއެލް] އިން ޑިވިޑެންޑުގެ ގޮތުގައި އެއްވެސް އެއްޗެއް ސަރުކާރަކަށް ނުދޭ. ނަމަވެސް އަޅުގަނޑުމެން [އަލަށް އުފައްދާ ކުންފުނިން] ލިބޭ އެއްޗެއް ސަރުކާރަށް ދައްކަމުން އަދި އެމްއެންއެސްއެލްގެ ދަރަނި ވެސް އެއިން ދައްކާގޮތަށް ވިސްނަނީ،" ޝަރީފް ވިދާޅުވި އެވެ.

އާ ޝިޕިން ލައިނުގައި އޮންނާނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ ނަމަވެސް މުސްތަގުބަލުގައި އެ ކުންފުނީގެ ހިއްސާ އާންމުކޮށް ވިއްކުމަށް ގަސްތުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާ ކުންފުނި އުފައްދަން ކެޕިޓަލް ހޯދަނީ އެމްޓީސީސީގައި އޮންނަ އެ ކުންފުނީގެ ހިއްސާ ވިއްކާލައިގެންނާއި ޝިޕިންލިމިޓެޑްގެ އިމާރާތް ކުއްޔަށް ދޫކޮށްގެން ލިބޭ އެއްޗަކާއި ބޭންކު ލޯނަކުން ކަމަށެވެ.

"އަޅުގަނޑުމެން ބޯޓެއް ގަންނަން ބޭންކާއެކު މިދަނީ މަޝްވަރާކުރަމުން. ސިންގަޕޫރުގެ ބަޔަކާއެކު މަޝްވަރާތަކެއް ކުރިއަށް އެބަދޭ. އަޅުގަނޑުމެން ބޯޓެއް ގެނެސްގެން އިރާދަކުރެއްވިޔާ މިކަން ކާމިޔާބު ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
އަލަށް އުފެދޭ ކުންފުނިން ރާއްޖޭގައި ހުރި ކާގޯ ބަނދަރުތަކަށް މިނީ ކޮންޓެއިނާ ސާވިސް އާއި ވީކްލީ ސާވިސް އަދި ޕެސެންޖާ ފެރީގެ ހިދުމަތް ދޭން ރާވާފައިވާ ކަމަށާއި އެ ކުންފުންޏަށް އެހީވުމަށް އިންޑިޔާގެ ކުންފުންޏަކުންނާއި ސިންގަޕޫރުގެ ކުންފުންޏަކުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ޝަރީޕް ވިދާޅުވީ އެމްއެންއެސްއެލް ބޮސުންލައިގެން ދިޔައިރު އެއްވެސް އެގްރިމެންޓެއް ނެތުމުން މިލިއަނެއްހާ ޑޮލަރު އެ ކުންފުންޏަށް ނުލިބި އެބަހުރި ކަމަށާއި ނަމަވެސް އެ ފައިސާ އަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ކަމަށް އެގްރިމަންޓާއި ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި އެ ކުންފުންޏަށް ފައިސާ ލިބެންޖެހޭ ގިނަ ޗެކްތަކެއް ވެސް ފައިސާ ނުނަގާ ހުރެ މުއްދަތު ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ