27 Dec 2020, 09:06
ރާއްޖެއަށް 2030އާ ހަމައަށް ނެޓް ޒީރޯ ހާސިލު ކުރެވިދާނެ ކަމަށާއި، އެކަން ހާސިލު ކުރަން ބޭނުންވަނީ އެންމެން އެކުގައި މަސައްކަތް ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ނެޓް ޒީރޯއަކީ ގައުމުން ޖައްވަށް ކާބަން ބޭރު ކުރާ މިންވަރާ އެއްވަރަށް އެ ގޭސްތައް ޖައްވުުގެ ތެރެއިން ސާފު ވާނެ ގޮތްތައް ގާއިމް ކުރުމެވެ.
ޕެރިސް އެއްބަސްވުމަށް ފަސްވަނަ އަހަރުފުރުން ފާހަގަކުރުމަށް އދ އިން އޮންލައިންކޮށް ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މި މަހުގެ 12 ވަނަ ދުވަހު ރައީސް ވިދާޅުވެފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލައި ރާއްޖެ "ނެޓް ޒީރޯ"އަށް ގެންދެވިދާނެ ކަމަށެވެ.
ރޭ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން، 2023 ގެ ނިޔަލަށް ހުއްޓާލުމަށް އެކުލަވައިލި ޕްލޭން ތަންފީޒުކުރުމަށް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ރާއްޖެ ނެޓް ޒީރޯއަށް ވާސިލުވުމަށް ކުރާ މަސައްކަތާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަންއަށް ވާސިލްވުން ކަމަށް އެއީ ހާސިލު ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަން ހާސިލު ކުރުމަށް އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންގެ ބައިވެރިވުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ ހާސިލްނުވެވޭނެ ލަނޑުދަނޑިއެއް ނޫން. ބޭނުންވަނީ، އެންމެން އެކުގައި މަސައްކަތް ކުރުން. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން މިއެދެނީ، މިކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންދެއްވުމަށް. މިކަން ހާސިލްކުރުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ ބައިވެރިވުން ސަރުކާރަށް ބޭނުންވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސް ވަނީ ރާއްޖެއަކީ ކާބަން އެމިޝަން މަދުކުރުމުގެ ބައިނަލްއަގުވާމީ މިސާލަކަށް ވުމުގެ ޝައުގު ފާޅުކުރައްވައިފަ އެވެ. ރޭވެސް އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި، އަބަދުވެސް އެންމެ އިސް ސަފުގައި އަޑުއުފުލާ ގައުމެއް ކަމަށާއި މިއަދުވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.
މިއަދު އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވު ހޫނުވެ، އަދި ކަނޑުފަޅާއި އެއްގަމުގައި ދިރިއުޅޭ ބައެއް ތަކެތި މުޅިން ނެތިގޮސް، ބިން ތިރި ބައެއް ގައުމުތައް މުޅިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.