ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު (ނ.މ.ޝ.ޢ) މ. މަހްމާވިލާ، އިބްރާހީމް އިސްމާއިލް އަލީއަށް، އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު (ނ.ދ.ޝ.ޢ) މއ. ވިލުވެލި، ބަދުރުއްނަސީރަށް އަރުވައިފިއެވެ.

މި ދެ ބޭފުޅުންނަށް ރައީސް ސޯލިހު އިއްޒަތް އެރުއްވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.

އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށް ނިސްބަތްކުރެވޭ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް (ނ.މ.ޝ.ޢ) މިރޭ އެރުވި އިބްރާހީމް އިސްމާއީލް އަލީ އަކީ ކުޅިވަރުގެ ތާރީހުގައި ފަހުރުވެރި ކާމިޔާބީތަކެއް ހާސިލުކުރައްވައިފައިވާ، ކުޅިވަރު ކުރިއެރުވުމާއި، ކުޅިވަރު ތަރައްގީ ކުރެއްވުމުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ތ. ތިމަރަފުށްޓަށް އުފަން އިބްރާހީމް އިސްމާއިލް އަލީ ސަރުކާރުގެ ހިދުމަތާ ގުޅިވަޑައިގަތީ 1970 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ކާތިބުކަމުގެ ވަޒީފާއެވެ. އަދި އެއަށްފަހު ޓީޗިންގްގެ ދާއިރާއާއި، އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން އެ މަނިކުފާނު ވަނީ އޮސްޓްރޭލިޔާއާއި، އެމެރިކާ އަދި އިންޑިޔާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.

އިބްރާހީމް އިސްމާއިލް އެންމެ ބޮޑަށް މަޝްހޫރުކަން ހޯއްދެވީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ކެޕްޓަނަކީ ވެސް އޭނާ އެވެ. އޭނާ ކުޅިވަރުގެ ދާއިރާއިން ހޯއްދަވާފައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި އެންމެ މޮޅު މިޑްފީލްޑަރުކަމާއި، ފީފާގެ ރެފްރީއަކަށް ވެވަޑައިގަތުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށާއި ފުޓްބޯލް އެސޯސިއޭޝަނަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އެވެ. އޭނާ އަކީ 2012 ވަނަ އަހަރު އިންޑިއަަން އޯޝަން އައިލެންޑް ގޭމްސްގެ އެވޯޑާއި، 2013 ވަނަ އަހަރު އޯސީއޭ ރީޖަންގެ ސްޕޯޓްސް އެވޯޑު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، 1982 ވަނަ އަހަރު ކުޅިވަރުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2007 ވަނަ އަހަރު ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު އޭނާއަށް ލިބިވަޑައިގެންނެވިއެވެ.

އައްސުލްތާން މުހައްމަދު ޣިޔާސުއްދީނަށް ނިސްބަތްކޮށްފައިވާ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް (ނ.ދ.ޝ.ޢ) އެރުވި ބަދުރުއްނަސީރަކީ ބްރޯޑްކާސްޓިން ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރޭޑިއޯގެ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމުގައި ބަދުރުއްނަސީރަކީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ. ދިވެހިރާއްޖޭގައި ކޮމިއުނިޓީ ރޭޑިއޯ ތައާރުފުކުރުމާއި، ޒުވާނުންގެ އާބާދީއަށް އަމާޒުކޮށްގެން އެފްއެމް ރޭޑިއޯގެ ހިދުމަތް ތައާރުފުކުރުމުގައި އިސް ދައުރެއްވެސް ބަދުރުއްނަސީރު އަދާކުރެއްވި އެވެެ.

1967 ވަނަ އަހަރުގެ ޖޫން މަހު އޭނާ ރޭޑިއޯ ބްރޯޑްކާސްޓިންގެ ދާއިރާއާ ގުޅިވަޑައިގަތީ ވުޒާރަތުލް މާލިއްޔާ (ބ)ގެ 2 ނަންބަރު އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ.

1971 ވަނަ އަހަރު ރޭޑިއޯ ޓެލެވިޝަން ސިންގަޕޫރުގައި ތަމްރީނު ފުރިހަމަކުރައްވައި އޭނާ ވެވަޑައިގަންނެވީ ރޭޑިއޯ ބްރޯޑްކާސްޓިން ދާއިރާއިން ރާއްޖެއިން ބޭރުން އެންމެ ފުރަތަމަ ތައުލީމު ހާސިލުކުރެއްވި ބޭފުޅަށެވެ. އޭގެ އިތުރުން، ނެދާލެންޑްސްއާއި އޮސްޓްރޭލިޔާއިން އޭނާ ވަނީ ރޭޑިއޯ ޕްރޮގްރާމް އުފެއްދުމާއި ހުށަހެޅުމާބެހޭ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ.

1980 ވަނަ އަހަރު ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމްތަކަށް ގެނެވުނު ބަދަލުތަކާއި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ރޭޑިއޯގެ ސިގްނަލް ލިބޭނެގޮތް ހެދުމަށް ފަށައިގެން ކުރިއަށްގެންދިޔަ މަޝްރޫއުގައިވެސް އޭނާ ހާއްސަ ދައުރެއް އަދާ ކުރެއްވި އެވެ.

1995އިން ފެށިގެން ޕްރައިވެޓް ސެކްޓާގައި އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ އަޑުގައި ކުރިން އަދާކުރެއްވި ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާ 2004 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލުން އޭނާ ގުޅިވަޑައިގެންނެވިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން އޭނާ ވަކިވެވަޑައިގަތީ، 65 އަހަރުވެގެން، 2011 ވަނަ އަހަރުއެވެ.

އަދި އެއަށްފަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސްކަން ތިން އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވުމަށްފަހު، ބްރޯޑްކާސްޓިންގްގެ ދާއިރާއާ މުޅިން ވަކިވެވަޑައިގަތީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. ބަދުރުއްނަސީރަށް ވަނީ މިނިވަން 25ގެ އާންމު ހިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.