26 Dec 2020, 21:52
ވައިގެ މަގުން އިންޑިއާއިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން 36 ގްރާމުގެ މަސްތުވާތެކި ފެނުމުން އޭނާ ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު ރާއްޖެ އައި އުމުރުން 27 އަހަރުގެ އިންޑިއާ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އަދި އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، އެ މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 36 ގުރާމް ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 7,700 ރުފިޔާއަށް އަރަ އެވެ.
އެ މައްސަލައިގައި ހިފެހެއްޓި މީހާއާއި އޭނާ އަތުން އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފަ އެވެ.