މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮސިޓިވްވެ، އެ ހަލްފާއަށް ދިޔަ އެންމެން ކަރަންޓީނުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނިގިތުގައި، ޝީ ބިލްޑިންގްގައި 120 މީހުން ބައިވެރިކޮށްގެން ބޭއްވި އެ ހަފްލާއަށް ދިޔަ 35 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނެއެވެ.

އެ ހަފްލާގައި ބައިވެރިވި އެންމެން ކަރަންޓީނުކޮށް، ޓެސްޓު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

"މިއޭޖެންސީއިން މިދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުންނެވެ." އެޗްޕީއޭއިން ބުންޏެވެ.

ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއޭއިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އެޗްޕީއޭއިން ނުގުޅިޔަސް އަމިއްލައަށް ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން އެދުނެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީއިން ބުންޏެވެ.

ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ދާ މީހުން މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންއާ އެއްގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭއިން އެދުނެވެ.