މާލޭ ސިޓީގެ ގޭގެއިން އުކާލާ ކުނި ވެމްކޯއިން ރޭގަނޑު ނަގަން ފަށާ ގޮތަށް ގެންނަ ބަދަލު ތަންފީޒުކުރާ ތާރީހު އަވަސްކޮށްފިއެވެ. ވެމްކޯއިން މިއަދު ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ރޭގަނޑު ކުނި އުކާލުމުގެ މަސައްކަތް ފަށާނީ ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮވިޑް19 ގެ ހާލަތާ ގުޅިގެން ވެމްކޯއިން ކުނި އުކާލުމުގެ މަސައްކަތް ކުރާ ގޮތަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން އެ ކޯޕަރޭޝަނުން އޮތީ ގޭގެއިން އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށްފަހު ކޮންމެ ދުވަހެއްގެ މެންދުރު 12:00-2:00 އާ ދެމެދު ގޭގޭގެ ތިރީގައި ބަހައްޓަން އަންގާފައެވެ.

ނަމަވެސް ކުނި ނުނެގި ގިނަ އިރުތަކެއް ވަންދެން މަގުތަކުގައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މަގުތަކުގައި ގިނަ އިރު ވަންދެން ކުނިތައް ހުރުމުގެ ސަބަބުން މަގުތަކުގައި ވަސް ދުވައި، ބުޅާތައް ކޮތަޅު ހާވައި މަގުތަކަށް ކުނި އެޅޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

އެއާއެކު ޖެނުއަރީ 15 އިން ފެށިގެން ގެތަކުން ކުނި ނެރެން ޖެހޭނީ ރޭގަނޑު 10:00 އާއި މެންދަމު 12:00 އާ ދެމެދު ކަމަށް ވެމްކޯއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.

ނަމަވެސް އެ ތާރީހު އަވަސްކޮށް، ޖެނުއަރީ 10 ން ފެށިގެން ރޭގަނޑު ކުނި ނެރެން ޖެހޭގޮތަށް ބަދަލުކޮށްފައިވާ ކަމަށް ވެމްކޯ އިން މިއަދު ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ އެ ބަދަލު ގެންނަން ނިންމީ، އެއީ ސްކޫލުތަކުގެ ކިޔެވުން އަލަށް ފަށާ ދުވަހަށް ވާތީ ކަމަށެވެ.

ކުނި ނަގާ ވަގުތު ރޭގަނޑަށް ބަދަލުކުރި އެއް ސަބަބެއްގެ ގޮތުގައި ވެމްކޯއިން ބުނީ، ކުދިން ސްކޫލަށްދާ ވަގުތު މަގުތަކުގައި ކުނި ހުރުމާއި، އަދި ވެމްކޯގެ ވެހިކަލްތަކާއި ސްޓާފުން މަގުތަކަށް ނުކުތުމުން މަގުތައް އިތުރަށް ބާރުބޮޑުވާތީ ކަމަށެވެ.

ވެމްކޯއިން ކުނި ކަލެކްޓުކުރަން ފަށާނީ މެންދަމު 12:00ގެ ފަހުންނެވެ.

ވެމްކޯއިން ބުނީ ދަންވަރު ކުނި ނެގުމާއި މަގުތައް ކުނި ކެހުމުގެ ސަބަބުން ފަތިސް ނަމާދަށް ހޭލަން ވާއިރަށް މަގުތައް ސާފުކުރެވޭނެ ކަމަށެވެ. މި ބަދަލާއެކު ވެމްކޯގެ ސްޓާފުންނަށް ވަރަށް ބޮޑަށް ބުރަ ވާނެކަން ފާހަގަކޮށް ވެމްކޯއިން ވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެދިފައެވެ.