26 Jan 2012, 13:32
ފަހަކަށް އައިސް ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލައި ތެދުވުމަށް އަދި ގާނޫނު އަސާސީ އިން ނޫސްވެރިކަމަށް ދީފައިވާ މިނިވަންކަމަށް ކުރިމަތި ކުރާ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ހުރިހާ މީޑިއާތަކުގެ އެޑިޓަރުން ގުޅިގެން "އެޑިޓާސް ގިލްޑް"އެއް އުފައްދަން ނިންމައިފި އެވެ.
ހުރިހާ މީޑީއާތަކުގެ އެޑިޓަރުން ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިފަހަކަށް އައިސް ނޫސް އިދާރާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ޖިސްމާނީ ގޮތުން ދޭ އަނިޔާތައް އިތުރުވެގެން ދިއުމަކީ ހަބަރާއި މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާ ނޫސްވެރިން ފަސްޖެހި، ނަފުސާނީ ބިރުވެރި ކަމެއްގެ ތެރެއަށް ހުށަހެޅުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް އެޑިޓަރުން ފެންނަ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ރައްޔިތުންނާ ހަމަޔަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރަސްތަކެއް އެޅޭނެ ކަމަށާއި ނޫސްވެރިންނަށް ދޭ އަނިޔާތައް ތަކުރާރު ވެގެންދާ ނަމަ "ދިރިދެމި" އޮތް ނޫސްވެރިކަން މުސްތަގުބަލުގައި ވަޅުލެވިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެޑިޓަރުން ބުނެފައިވެ އެވެ.
އެޑިޓަރުންގެ ބަޔާނުގައި ބުނެފައި ވަނީ ނޫސް އިދާރާތަކުން ފަތުރާ ހަބަރާއި މައުލޫމާތުގެ ސަބަބުން ކަމަށް ބުނެ ނޫސް އިދާރާތަކަށް ހަމަލާދީ އެ އިދާރާއެއްގައި ބޭނުންކުރާ އާލާތްތަކަށް ހަމަލާ ދިނުމަކީ މިހާރަކަށް އައިސް ފެންނަމުންދާ ނުރައްކާތެރިކަމެއް ކަމަށާއި ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ދޭ ހަމަލާތައް އެޑިޓަރުން ކުށްވެރިކުރާ ކަމަށެވެ.
އަދި ނޫސް އިދާރާތަކަށް ހަމަލާ ނުދިނުމަށް އިލްތިމާސް ކުރާ ކަމަށާއި އެ އިދާރާތަކާއި އެތަންތާގައި ބޭނުންކުރާ އާލާތްތަކަކީ ކޮންމެ ރައްޔިތަކު ވެސް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އޮތް ވަސީލަތެއް ކަމަށް ވެސް އެޑިޓަރުން ބުނެ އެވެ.
ރާއްޖޭގެ ހުރިހާ އެޑިޓަރުން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ވިދާޅުވީ ހިޔާލުތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށާއި ތަފާތު ހިޔާލަށް ބޯލަބައި އަހުލުވެރިވެ، ހަޖަމު ކުރަން ޖެހޭ ކަމަށެވެ.
އެޑިޓަރުން އިތުރަށް ބުނެފައި ވަނީ ނޫސް އިދާރާތަކާއި އެތަންތާގައި ބޭނުންކުރާ އާލާތްތަކަށް ދެވޭ ހަމަލާތަކަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ދެވޭ ހަމަލާތަކެއް ކަމަށާއި އެކަންތައް ހުއްޓުވައި ދިނުމަށް ކަމާ ބެހޭ އިދާރަތަކަށް އެޑިޓަރުން ގޮވާލާ ކަމަށެވެ. އަދި ޅަފަތުގައި އޮތް މި ޑިމޮކްރަސީގެ އަސާސްތައް ފުރިހަމަކުރުމަށް މިނިވަންކަމާއި ރައްކާތެރިކަމާ އެކު ނޫސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރަށް ވެސް އެޑިޓަރުން ގޮވާލާ ކަމަށެވެ.