26 Dec 2020, 10:31
ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިނުވެ ނިންމާލުމަކީ ކުރިއަށްދާން ލިބުނު ރަނގަޅު ހިތްވަރެއް ކަމަށް މިފަހަރުގެ ލީގަށް އަލަށް ކޮލިފައިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.
މިފަހަރުގެ ލީގުގައި އެންމެ "ސަޕްރައިޒިންގް" ޓީމެއްގެ ގޮތުގައި ގިނަ ކޯޗުން ފާހަގަ ކުރާ ސަސްއިން ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުން މޮޅުވި އިރު، ޖެހިގެން އައި ދެމެޗުން ވަނީ އެއްވަރުކޮށް ދެ ޕޮއިންޓް ހޯދައިފަ އެވެ. ތަޖުރިބާކާރު ކުޅުންތެރިންތަކަކާ އެކު ވެސް، ލީގަށް މުޅިން އައުކޮށް ފަށަން ޖެހުމުން ހުރި ދަތިތަކާ އެކު ވެސް މި ތިން މެޗުން ބަލިނުވެ ފަރުޖައްސައިލުމަކީ ކުޅުންތެރިންނަށް ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެއް ކަމަށް ނާދު ވަނީ ބުނެފަ އެވެ.
"މުޅި މެޗަށް ބަލާއިރު، ޕާފޯމަންސް ރަނގަޅޭ ބުނެވޭނީ، ގޯހެއް ނޫން. ޕޮއިންޓެއް ހޯދުން މިއީ ކުރިއަށްދާން ޓީމަށް ލިބުނު ފައިދާއެއް. ބަލި ނުވެ ތިން މެޗު ނިންމާލުމަކީ ކުޅުންތެރިންނަށް ކުރިއަށްދާން ލިބުނު ރަނގަޅު ހިތްވަރެއް،" ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނާދު ބުންޏެވެ.
ނާދު ބުނީ، ރޭގެ މެޗުގައި އަނިޔާވި މުހައްމަދު ރަޝީދު (ހޮކޭ) އަށް ލިބުނު އަނިޔާ ސީރިއަސްކަމަށް ފެންނަ ކަމަށާއި ކުރީ ދުވަހުން ސުރެން އޭނާ ހުރީ އެއްކޮށް ފިޓްނޫންކޮށް ކަމަށެވެ. އަދި އެއާ އެކު ރޭގެ މެޗުގައި ހޮކޭއަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް ހުރި މެޗުތަކުގައި ފެނުމުގެ ފުރުސަތު ކުޑަކަމަށް ނާދު ވަނީ ބުނެފަ އެވެ.
ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗަށް ނުކުތީ ބަލި ނުވެ ފަރު ޖައްސާލުމުގެ އަޒުމުގައި ކަމަށާއި، އެކަން ހާސިލް ކުރެވުނީތީ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މެޗުން މޮޅުވާން ވެސް ފުރުސަތު ލިބުނު ކަމަށާއި އެހެން ނަަމަވެސް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމުގެ ސަބަބުން ރޭގެ މެޗަށް އެ ކުޅުންތެރިން އެ ފެންވަރުގައި ނުކުޅެވުނީ ކަމަށެވެ.
އަދި ކުރިއަށް އޮތް ޔޫވީ މެޗަށް އެ ޓީމަށް ބިދޭސީ ކުޅުންތެރިއަކު ގުޅޭނެ ކަމަށާއި، އަދިވެސް އިތުރު ކުޅުންތެރިން ޓީމާ ވަރަށް އަވަހަށް ގުޅި ޓީމު ރަނގަޅު މިސްރާބަކަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޝާޒް ވަނީ ބުނެފަ އެވެ.