ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ މެޗު ވީކްގެ ދެވަނަ މެޗުގައި މިރޭ ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް މިފަހަރުގެ ލީގަށް އަލަށް ކޮލިފައިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ބަލިނުވެ ތިން މެޗު ހަމަކޮށްފި އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ކުޅުނު ތިން މެޗުން މޮޅަކާއި، ދެ އެއްވަރު ކޮށްގެން ސުޕަ ޔުނައިޓެޑް ވަނީ ހަތަރު ވަނައިގެ މަގާމު ދަމަހައްޓައިފަ އެވެ. އެ ޓީމަށް ވުރެން ކުރީގައި ފަސް ޕޮއިންޓާ އެކު ފައިދާ ތިން ގޯލު ހޯދައިގެން ދަ ގްރާންޑޭ އޮތް އިރު، ދެވަނައިގައި އޮތް ވެލެންސިއާއާއި އެއްވަނައިގައި އޮތް މާޒިޔާއިން ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ.

ކުރީ މެޗުގައި ދަ ގްރާންޑޭ އަތުން އެއްވަރުކޮށް ސަސްއިން މިރޭގެ މެޗަށް ނުކުތީ ވެސް ބޮޑު އުންމީދަކާ އެކުއެވެ. އަނެއް ކޮޅުން އީގަލްސް ދެ ގޯލު ސުން ގޯލުން ބަލިކޮށް ޓީސީން ވެސް މިރޭގެ މެޗަށް ނުކުތީ ކުރީ މެޗުން ލިބުނު ހިތްވަރާ އެކު ބަލިނުވެ ދަނޑުން ފައިބަން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ބުނެފަ އެވެ.

ޓީސީއާއި ސަސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން --- ފޮޓޯ//އެފްއޭއެމް

ޓީސީން މިރޭގެ މެޗަށް ނުކުތީ ކުރީ މެޗުގައި ދެ ކާޑް ހަމަވެގެން ރަތް ކާޑާ އެކު ދަނޑުން ބޭލި އަލީ ޝާމިސް (ތޮއްޕޭ) ނުލައެވެ. އަދި ކުރީ މެޗުގައި ބެންޗުން ނުކުމެ ތަފާތު ދެއްކި އިބްރާހީމް އާއި ޒަޔާން ނަސީރު އަށް މިރޭގެ ފުރަތަމަ އެގާރައިން ޝާޒް ވަނީ ފުރުސަތު ދީފަ އެވެ. އަނެއްްކޮޅުން ކުރީ މެޗުގައި އަނިޔާގެ ސަބަބުން ކުޅެފައިނުވާ ސްޕެއިންގެ ފޯވާޑް ވިކްޓާ ރޮޑްރިގޭޒް މުނޯޒް ފުރަތަމަ އެގާރައިގައި ވަނީ ހިމަނައިފަ އެވެ.

މިރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔަ ޓީސީން މެޗުގެ ކުރީކޮޅު ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމް ހަތަރު ކުޅުންތެރިއަކު ބީޓްކޮށް އޭރިއާ ތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ ހުސްގޯލަށް ފޮނުވާލައިގެން ޓީސީއަށް ލީޑު ނަގައިދިނީ ސާވީ އިބްރާހީމް އެވެ.

ޓީސީގެ ގޯލަށްފަހު ސަސްއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރި އިރު، ކޯނަރަކުން މެޗުގެ 35 ވަނަ މިނެޓުގައި އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ބޮލުން ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ސަސްގެ މިޑްފީލްޑަރަކަށް ކުޅެމުން އައި މުހައްމަދު ރަޝީދު (ހޮކޭ) އަށް ވަނީ އަނިޔާވެެގެން ބަދަލު ކުރަން ޖެހިފަ އެވެ. ހޮކޭއަށް ލިބުނު އަނިޔާއާ ގުޅިގެން ސަސްގެ މެދުތެރެ ހުސްވުމުގެ ފައިދާ ނަގައި ޓީސީން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން 88 ވަނަ މިނެޓުގައި އައްޒާމް ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު ގައިގައި ޖެހިފައި ނުކުތުމުން ދެ ވަނަ ފަހަރަށް ނަޝާހު އަހުމަދު އެ ބޯޅަ ފޮނުވާލުމުން ވެސް ކީޕަރު ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީސީގައި ކުރިން މޮޅު ކުޅުމެއް ދެއްކި ސަސް ޓީމުގެ ބެންޖޯ އެވެ.