25 Dec 2020, 20:46
މިއަދުގެ ނަތީޖާއާ އެކު މިފަހަރުގެ ދިވެހި ޕްރިމިއާ ލީގު ހޯދަން ކުރާ އުންމީދުތައް އެއްކޮށް ކަހަލަ ގޮތަކަށް ހިނގައްޖެ ކަމަށް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
މިއަދު ހަވީރު އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުން ލިބުނު ޕޮއިންޓާ އެކު ކުރީ ސީޒަނުގެ ރަނަރަޕް އީގަލްސްއަށް ތިން މެޗުގައި ފުރަތަމަ ބަލިން ސަލާމަތްވި އިރު، އެ ޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގަ އެވެ. ލީގުގައި ބާކީ އަދި 18 މެޗު އެ ޓީމަށް އޮތް ނަމަވެސް ލީގު ހޯދުމުގެ އުންމީދު ގެއްލިފައިވާ ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ދުވަހަކަށް ވުރެން ދުވަހެއް ފެންނަނީ ކުޅުން ދަށްވާތަން ކަމަށް މޯހަން ވަނީ ބުނެފަ އެވެ.
"ފުރަތަމަ ހާފު ހަގީގަތުގައި ވަރަށް ދަށްކޮށް ދިޔައީ، ފަހު ހާފުގައި ވެސް ބައިކޮޅަށް ގޯލެއް ވަން ފަހުން ތަންކޮޅެއް ރަނގަޅަށް ކުޅެން ފެށީ. ޖުމުލަކޮށް ކުޅުންތެރިން މާބޮޑަށް ބިރުން ތިބޭ ކަހަލަ ގޮތަކަށް މި ފެންނަނީ. އެއް ދުވަހެއް ވުރެން އަނެއް ދުވަސް މި ދަނީ ދަށަށް. އެކަން އެބަފެނޭ ކުޅުންތެރިންގެ ޕާފޯމެންސް ދަށްވާތަން،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.
މޯހަން ބުނީ، މިއަދުގެ މެޗުގައި ގިނަ މިސް ޕާސްތަކެއް ފެނުނު ކަމަށާއި، މެޗުގެ ބޮޑުބައި ދިޔައީ ކުޅެން ނުކެރިގެން ތިބެ ކަހަލަ ގޮތަކަށް ކުޅުނު ތަން ކަމަށެވެ. އެހެން ނަމަވެސް މެޗުގައި ގޯލެއް ޖެހި ފަހުން ދެން ކުޅުން ރަނގަޅުކޮށްގެން ރަނގަޅު ޕާސްތަކެއް ޖެހި ކަމަށް މޯހަން ބުންޏެވެ.
"އެހެން ދުވަސްތަކެއް ވުރެން ރަނގަޅު އެއީ އެއް ޕޮއިންޓް ލިބިއްޖެެ. އެކަމަކު ލީގަށް ކުރާ އުންމީދުތައް އެއްކޮށް ކަހަލަ ގޮތަކަށް ހިނގައްޖެއޭ ބުންޏަސް ރަނގަޅުވާނެ،"
ކުރީ ދެ މެޗުގައި އީގަލްސްގެ ކީޕަރުންގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނު ކަމަށް މޯހަން ކުރިން ބުނި އިރު، މިއަދުވެސް އެ ޓީމުގެ ކޮޅަށް ވަނީ ވަރަށް އާދައިގެ ގޯލެކެވެ. އިދިކޮޅުން ނެގި ކޯނަރެއް އައިސް ގޯލަށް އޮހިގެން ދިޔައިރު، އީގަލްސްގެ ބިދޭސީ ކީޕަރު މިލާން އަތުގެ ޖެހިފައި ގޯލަށް ވެއްޓުނީ އެވެ. މޯހަން ބުނީ މިއީ ޕްރެކްޓިސް ނުކުރިޔަސް ވަދެގެން ނުވާނެ ވަރުގެ ގޯލެއް ކަމަށެވެ.