ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިދިވިދިގެން ތިން ބަލިވާން ދަނިކޮށް، އަހުމަދު ރިޒުވާން (ރިޒޭ) އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް އީގަލްސް ސަލާމަތްކޮށްދީފި އެވެ.

މިއަދު ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ދަ ގްރާންޑޭއިން ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާ އެކު ތިންވަނައިގެ މަގާމު ވަގުތީ ގޮތުން ދެމެހެއްޓި އިރު، ލީގުގެ ފުރަތަމަ ޕޮއިންޓް އީގަލްސްއިން ވަނީ ހޯދައިފަ އެވެ.

ފުރަތަމަ ދެ މެޗުގައި ސަސްއާއި ޓީސީ އަތުން ބަލިވުމާ އެކު އީގަލްސަށް މިއަދުގެ މެޗަކީ ލީގުގެ ތަށީގެ ރޭހުގައި ވާދަކުރުމަށް މަރުގެ މެޗެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ކުރިން ބުނެފަ އެވެ. އެއާ އެކު މިއަދުގެ މެޗަށް އެ ޓީމުން ނުކުތީ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ލީގުގެ ފުރަތަމަ ދެ މެޗުގައި ކުޅެފައި ނުވާ ރިޒޭ ޓީމުގައި ހިމަނައިގެންނެވެ.

މެޗު ފަށައިގެން މޮޅަށް ކުޅުނު އީގަލްސްއިން މެޗުގައި ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފަ އެވެ. އެ ހާފުގައި އީގަލްސްގެ ޒުވާން މިޑްފީލްޑަރު ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު އިރު، އޭނާއަށް އެ ބޯޅަތައް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވި އެވެ. އެ ހާފުގައި ދަ ގްރާންޑޭއިން އުފެއްދި އެންމެ ރަނގަޅު ހަމަލާގައި އުމަރުޖޯނޯވް އަކްރޯރް ފޮނުވާލި ބޯޅަ މަޑުމަޑުން ދިޔައީ ކީޕަރު އަތަށެވެ.

ދެވަނަ ހާފު ފަށައިގެން އީގަލްސްއިން ޓީމު ކުރިއަށް ޖައްސައިގެން ހަމަލާތައް ވަނީ އިތުރު ކޮށްފަ އެވެ. ރިޒޭގެ ބޭނުން ހިފައިގެން އީގަލްސްއިން ނުރައްކާތެރި ބޯޅަތަކެއް ގޯލަށް ފޮނުވާލި އިރު، ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އީގަލްސްއިން މޮޅަށް ކުޅެމުން ދަނިކޮށް ދަ ގްރާންޑޭއަށް ލިބުނު ފުރަތަމަ ކޯނަރުގައި އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ. ކޯނަރު ނަގަން ގޮސް ހުރި މުހައްމަދު ސަހާއު ނަގައިދިން ބޯޅަ ގޮސް އޮހުނީ ގޯލުގެ ދުރު ކަނަށެވެ. އެ ބޯޅަ މަތަކުރަން އީގަލްސްގެ ކީޕަރު މިލާން ބޯޅައިގައި ޖެއްސި ނަމަވެސް ބޯޅަ އައި ސްޕީޑް ބާރު ކަމުން ބޯޅައިގެ މިސްރާބު މާ ބޮޑަށް ބަދަލެއް ނުވި އެވެ.

ދަ ގްރާންޑޭގެ ގޯލަށްފަހު އެ ޓީމުން ޑިފެންސަށް ކުޅުންތެރިން ގިނަކޮށް އީގަލްސްގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެހެން ނަމަވެސް މެޗުގެ 85 ވަނަ މިނަޓުގައި ރިޒޭ ވަނީ ގޯލެއް ޖަހައި އީގަލްސްގެ އުންމީދު ދަމަހައްޓައިފަ އެވެ.