25 Dec 2020, 13:29
ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ދަރިން ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތުވާ ދެމީހަކަށް ދައުވާކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގެ ތުހުމަތު ކުރެވެނީ އެ އަންހެން މީހާގެ ފިރިމީހާއާއި، ރުގްޔާ ކުރަން އޭނާ ގެނައި މީހަކަށެވެ. އެ ދެ މީހުން ވެގެން އަންހެން މީހާއަށް ޖިސްމާނީ އަނިޔާދީ، ޖިންސީ ގޯނާކޮށްފައިވާ ކަމަށްވެ އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި (ރުގްޔާ ކުރަން ގެނައި މީހާ) 24 އަހަރުގެ ދިވެހި ފިރިހެނެއް (ފިރިމީހާ) ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އޭގެ ތެރެއިން 39 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ 26 ނޮވެމްބަރުގެ ހެނދުނު އެވެ.
އެ މައްސަލަ ފުލުހުންނާއި ޖެންޑާ ގުޅިގެން ތަހުގީގުކޮށް ނިންމައި، އިއްޔެ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަށް އޭނާގެ ފިރިމީހާއާއި ރުގްޔާ ކުރާ މީހާ އަނިޔާ ކުރީ، އަންހެން މީހާއަށް އަވަލާފައިވާ ޖިންނިއަކަށް ހަމަލާ ދިނުމުގެ ނަމުގަ އެވެ.