26 Jan 2012, 12:35
ރާއްޖެ އަންނަ ފަސިންޖަރުންގެ ހަރަކާތްތައް ބަލައި މޮނިޓާ ކުރާނެ ނިޒާމެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކަސްޓަމްސްއިން ގާއިމުކޮށް މިއަދު އިފުތިތާހުކޮށްފި އެވެ.
މިއީ ރާއްޖެއަންނަ ފަސިންޖަރުން މޮނިޓާކޮށް ރިސްކް ޕްރޮފައިލިންނާއި ޓާގެޓިންގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ފަރާތްތައް ދެނެގަތުމުގެ ނިޒާމެކެވެ. މި ނިޒާމުގައި ކަސްޓަމްސްގެ ބެލުންތަކާއެކު ތަންފީޒީ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ އެވެ. މިއަދު އިފުތާހު ކުރީ މި ޕްރޮޖެކްޓްގައި މިކަމަށް ހާއްސަކޮށްފައިވާ އިންޓާޑިކްޝަން ރޫމެކެވެ.
މި ނިޒާމް ހިމެނޭ އިންޓާޑިކްޝަން ރޫމް ގާއިމްކޮށްފައި ވަނީ އެމެރިކާ ސަރުކާރުގެ ހިލޭ އެހީގަ އެވެ. މި ޕްރޮޖެކްޓަށް ތަފާތު ފަސް ދާއިރާއަކުން 26 މީހަކު ވަނީ ތަމްރީނުކޮށްފަ އެވެ.
ބައިނަލްއަގްވާމީ ކަސްޓަމްސް ދުވަސް ފާހަކުރުމަށް މިއަދު ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އިންޓާޑިކްޝަން ރޫމް އިފްތިތާހު ކޮށްދެއްވީ އެމެރިކާއިން ރާއްޖެއާ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓޭޝޭ ލެފްނިނެންޓް ކާނަލް ޕެޓްރިކް ޖޭ ޝޫލާ އާއި ރާއްޖޭގެ ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނާ ޖެނެރަލް މުހައްމަދު އަސްވާނެވެ.
ލެފްޓަނަލް ކާނަލް ޕެޓްރިކް ޖޭ މިއަދު ވިދާޅުވީ މި ޕްރޮޖެކްޓްއަކީ ސަލާމަތީ ކަންތައްތަކަށް ބޭނުންވާނެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ޕްރޮޖެކްޓްގެ އެންމެ މުހިއްމު އެއް ބަޔަކީ ބޭނުންކުރާ އާލާތްތައް ނޫން ކަމަށާއި ތަމްރީން ކުރެވިފައިވާ މީހުން ކަމަށާއި މުސްތަގްބަލުގައި ރާއްޖޭގައި މިފަދަ އިތުރު ޕްރޮޖެކްޓްތައް އެމެރިކާއިން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓާޑިކްޝަން ރޫމްގެ ސަބަބުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމާއި ބޯޑަރު ލެވެލްގައި ކުރެވޭ އެންމެހާ ކުށްތައް ހޯދައި ދެނެގަތުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރެވޭނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުންޏެވެ. އަދި ތަންފީޒީ އިދާރާތައް ގުޅިގެން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމަށް ވެސް ބުންޏެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ފަރާތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިޔާރު، "ބޯޑާސް ޑިވައިޑް، ކަސްޓަމްސް ކަނެކްޓްސް" ގެ ދާއިރާއިން ކަސްޓަމްސަށް ފާހަގަކުރެވޭ ހިދުމަތްތައް ކޮށްދެއްވާފައިވާ 8 މުވައްޒަފަކަށާއި ދެ މުއައްސަސާއެއް ޑަބްލިއުސީއޯ ސްޓްފިކެޓް އޮފް މެރިޓް ދީފައިވެ އެވެ.
ބައިނަލްއަގްވާމީ ކަސްޓަމްސް ދުވަހަކީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ.