25 Dec 2020, 10:49
ނޮވެލް ކޮރޯނާވައިރަހުގެ އާ ސްޓްރެއިނެއް ނައިޖީރިއާއިން ފެނިފައިވާކަމަށާއި، އެ ސްޓްރެއިން އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެފްރިކާގެ ބަލިތައް ކޮންޓްރޯލް ކުރުމާ ބެހޭ އިދާރައިން ބުނެފި އެވެ.
މިއީ މި މަހުގެ ތެރޭގައި ފެނުނު ކޮރޯނާވައިރަހުގެ ދެވަނަ އާ ސްޓްރެއިނެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ވައިރަހުގެ އާ ސްޓްރެއިނެއް އެންމެ ފުރަތަމަ ފެނުނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން ފެނުނު މި ސްޓްރެއިން، ކުރިން ފެނުނު ވައްތަރަށްވުރެ ބާރު ސްޕީޑުގައި ފެތުރޭކަން ހާމަވުމާ އެކު އެގައުމުގައި އަޅާފައިވާ ސިއްހީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ދަތުރުފަތުރުތައްވެސް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
"އިނގިރޭސިވިލާތުން ފެނުނު ބާވަތެއް ވުރެން ދެކުނު އެފްރިކާއިން މި ފެނުނު ބާވަތުގައި ތަފާތުތަކެއް އެބަހުރި." އެފްރިކާގެ ބަލި ކޮންޓްރޯލް ކުރުމާ ބެހޭ އިދާރާ އެފްރިކާ ސީޑީސީގެ ޑިރެކްޓަރު ޖޯން އެންކެންގަސަން ވިދާޅުވި އެވެ.
އެންކެންގަސޮން ވިދާޅުވީ އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ނައިޖީރިއާއިން އަލަށް ފެނުނު ކޮރޯނާގެ ސްޓްރެއިންއާ ގުޅިގެން ކަމާބެހޭ ފަރާތްތަކާއެކު ކުއްލި ބައްދަލުވުމެއް ބާއްވައި އެކަން އަންގާފައިވާނެ ކަމަށެވެ.
ކޮވިޑްގެ ކޭސްތައް ބޮޑުތަނުން އިތުރުވެފައިވާ އެފްރިކާގެ ގައުމުތަކުގެ ތެރެއިން ނައިޖީރިއާއިން އާ ސްޓްރެއިން ފެނިފައިވާ އިރު، ވޭތުވެ ދިޔަ ހަފުތާގެ ތެރޭގައި ނައިޖީރިއާގައި 52 ޕަސަންޓު ކޮވިޑް ކޭސްތައް ވަނީ އިތުރުވެފަ އެވެ. އަދި ދެކުނު އެފްރިކާގެ ކޭސްތައް ވަނީ ނިމުނު ހަފުތާ 40 އިންސައްތަ އިތުރުވެފަ އެވެ.
އެންކެންގަސޮން އިތުރަށް ވިދާޅުވީ، މި ދެގައުމުގައި ކުއްލިއަކަށް ކޭސްތައް މަތިވެގެން ދިޔައީ ވައިރަހުގެ އާ ވޭރިއަންޓްގެ ސަބަބުން ކަމަށް އަދި ބުނަން ނޭންގޭ ކަމަށާއި، އެކަން މިހާރު ދަނީ އިތުރަށް ބަލައި ދިރާސާތައް ހަދަމުން ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ކުރެވޭ ދިރާސާތަކަށް ވުރެން އެފްރިކާގައި އެކަމަށް ކުރެވޭ ދިރާސާތައް މަދުވެފައި، ވަގުތު ނަގާތީ އެކަމުގެ ކަންބޮޑުވުން ހުރި ކަމަށް އެންކެންގަސޮން ވަނީ ވިދާޅުވެފަ އެވެ.
"އަހަރަމެން އިތުރަށް ވަގުތު ބޭނުންވޭ [ވައިރަސް ދިރާސާ ކުރަން]. އަދި ވަރަށް އައު ކޮޅު މިއީ،"
ގާތްގަނޑަކަށް 200 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް އެކުލެވޭ ނައިޖީރިއާގައި މިހާތަނަށް 80،000 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާ އިރު، އެ ބަލީގައި 1،000 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިނގިރޭސިވިލާތުން ކުރިން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިން ސިންގަޕޫރާއި ދެކުނު އެފްރިކާއިންވެސް ފެނިފައިވާ ކަމުގެ ރިޕޯޓު ކޮށްފައިވެއެވެ.