އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް19ގެ އާ ވައްތަރުގެ ވައިރަސް އަވަހަށް ފެތުރުނު ނަމަވެސް ބަލި ޖެހޭ މީހުންގެ ހާލު ސީރިއަސްވާ ކަމަށް ރިޕޯޓު ނުލިބޭ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކުން ފެނިފައިވާ ކޮވިޑް19ގެ އާ ވައްތަރު ފެތުރެނީ ވަރަށް ހަލުވިކަމާއެކު ކަމަށެވެ.

ނަމަވެސް މިއީ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އާ ވައިރަހެއް ނޫން ކަމަށާއި ކުރީގެ ވައިރަހަށް ކުދިކުދި ބަދަލުތަކެއް އައިސްގެން އުފެދުނު، ކުރީގެ ވައިރަސްގެ ވޭރިއޭޝަންއެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އިނގިރޭސިވިލާތުގައި މިހާތަނަށް މިކަމާ ގުޅިގެން ކުރި ދިރާސާތަކުން ފެންނަ ގޮތުގައި މި ވޭރިއެންޓް، މި ވައިރަސްގެ އެހެން ވައްތަރުތަކާ ހިލާފަށް އިތުރަށް ހަލުވިކަމާއެކު ފެތުރޭ ކަމަށް ފާހަގަކުރެވޭ. އެހެން ނަމަވެސް މި ވޭރިއެންޓްގެ ސަބަބުން ބަލި ޖެހޭ މީހުން އިތުރަށް ސީރިއަސްވާ ކަމަކަށް ފާހަގައެއް ނުވޭ." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު އުފެދޭ ސުވާލަކީ ކޮވިޑް19އަށް އުފައްދާފައިވާ ވެކްސިން އަލަށް ފެނުނު ވައްތަރާ ދެކޮޅަށް ބޭނުން ކުރެވޭތޯ ކަމަށެވެ.

"އަދި މީގެ ޖަވާބެއް ސީދާ ލިބޭކަށް ނެތް. ގިނަ ބޭފުޅުން ވިދާޅުވަނީ އެހެން ދިމާވާނެ [ވެކްސިން ނާކާމިޔާބުވާނެ] ކަމަށް ލަފާ ނުކުރެވޭ ކަމަށް."

މިކަމާ ގުޅޭ ދިރާސާތައް މިހާރުވެސް ކުރަމުންދާ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް މަދުވެގެން ދެ ހަފުތާ ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ދެކުނުއިރުމަތީ ސަރަހައްދުތަކުން ކޮވިޑް19ގެ އާ ވޭރިއޭޝަންއެއް ފެނުނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.