ރާއްޖެއިން އިތުރު 21 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކާ ދެމެދު ނެގި 2،562 ސާމްޕަލުން 21 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ފެނުނު 21 ކޭސްގެ ތެރެއިން 12 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި ހަތަރު ކޭސް ފެނުނީ އަތޮޅު ތަކުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން ފަސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،558 އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން 13،011 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ކޮވިޑް ޖެހިފައިވާ 492 މީހުން އެބަތިއްބެވެ.

އެޗްޕީއޭއިން ބުނީ ބައްޔަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫގައި ހަތަރު މީހަކަށް ފަރުވާދެމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދަނީ ޖުމުލަ 37 މީހަކަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހުން ވަނީ މަރުވެފަ އެވެ.