24 Dec 2020, 21:42
އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމަށްފަހު ދޫކޮށްލި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު އަނެއްކާވެސް ބަންދުކޮށްފި އެވެ.
ސެޕްޓެމްބަރު 14، 2020 ވަނަ ދުވަހުގެ ރޭ 9:38 ގައި އެ މީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އޭގެން ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުން ވަނީ ހ. ވައިފިނި ބަލައި ފާސްކޮށް، ހަތް މީހަކު ހައްޔަރުކޮށްފަ އެވެ.
ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދު އެކި ފަހަރުމަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްދިނެވެ. އެ ފަސް މީހުންނަކީ؛
ގއ. ވިލިނގިލި، ޒޫމް، މުހައްމަދު ތަގިއްޔު
- ކ. މާފުށި، ވާރޭވިލާ، އަހުމަދު އަހުނަފް އަސްފާގު
- ގދ. ވާދޫ، ޗިޗަންޑާގެ، މުހައްމަދު ވިސާމް
- ހދ. ނޮޅިވަރަން، ހިޔާ، އަމްޖަދު އަބްދުއްސައްތާރު
- ގއ. ވިލިނގިލި، ނައިންފުލާވަރ، އީމާން މުހައްމަދު
އެއަށްފަހު އެމީހުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމީ މިމަހުގެ ފަސްވަނަ ދުވަހުގަ އެވެ. އެ ނިންމުން ނިންމެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މުހައްމަދު މިސްބާހު އެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ ކްރިމިނަލް ކޯޓުން އެ ފަސް މީހުން ދޫކޮށްލަން ނެރުނު އަމުރުތަކަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރުތަކެއް ކަމަށެވެ.
ފަސް މީހުންގެ ތެރެއިން އަމްޖަދު އަބްދުއްސައްތާރު، އަހްމަދު އަހުނާފު އަސްފާގު އަދި ވިޝާމް މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.
ހަކުރު ބަލި ހުންނާތީ އިތުރަށް ބަލާފައި ގޮތެއް ނިންމަންދެން މުހައްމަދު ތަގިއްޔު 15 ދުވަހަށް ބަންދުކުރަން ނިންމާފައިވާއިރު، އީމާން މުހައްމަދު ބަންދު ނުކުރުމަށް ވަނީ ނިންމާފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ބަންދު ދޫކޮށްލީ ނަފްސާނީ ޑޮކްޓަރެއްގެ ލިޔުމެއް ހުށަހަޅާފައިވުމުންނެވެ.
ހ. ވައިފިނީގައި ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ސެލޯފިންކޮޅާއި ޖޫސް ޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާބޭހުގެ 255 ގުޅަ އާއި ބަނގުރާ ފުޅިއެއް ފެނިފައިވެ އެވެ. އޭގެ އިތުރުން އެގެއިން 17،150 ރުފިޔާ ފެނިފައިވެ އެވެ.
މި މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށް ވުރެ ގިނަ ކެނަބިސް އާއި 108 ގްރާމުގެ އެމްޑީއެމްއޭ އަދި ހަތް ގްރާމް ހެރޮއިން ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
މި މީހުންގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކު ކުރުމުގެ ދައުވާ އެވެ. މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާ ގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. އަދި 100،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.