ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް ހަރުދަނާކުރުން ކަމަށާއި އެކަންތައް ހާސިލް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިޔާގެ 62 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އިންޑިޔާގެ ޖުމްހޫރިއްޔަތާއި، އިންޑިޔާގެ ގާނޫނު އަސާސީ އުފެދުނު ގޮތާ އަދި އެ ގާނޫނު އަސާސީއަށް އަމަލުކުރަމުންދާ ގޮތާއި އެތަޖްރިބާތަކުން ދިވެހިންނަށް އެތައް ކަމެއް ދަސްކުރެވިދާނެ ވިދާޅުވި ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މިނިވަން އަދި އަދުލުވެރި ޝަރުއީ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އިންޑިޔާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެހީތަކަށް ޝުކުރު އަދާކުރެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ހަފްލާގައި، ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނާ މިސްޓާ ޏިޔާނޭޝްވަރު މުލޭވެސް ވާހަކަ ދެއްކެވި އެވެ. ހައިކޮމިޝަނާގެ ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

ރޭގެ ހަފްލާގައި، އިންޑިޔާގެ ޝާގާފީ ކުޅިވަރު ދައްކައިދޭ އައިޓަމްތަކެއް ވެސް ރައީސްގެ ދެކަނބަނލުން ބައްލަވާލެއްވި އެވެ.