24 Dec 2020, 17:43
ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ "ވިސްނާ" ޖަލްސާ ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދީފިއެވެ.
ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ 8:30ގަ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވަނީ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބުމާއެކު ހުރިހާ ސަޕޯޓަރުން ވެސް އާ ހިތްވަރަކާ އެކު، ޖަލްސާއަށް ދިއުމަށް އިލްތިމާސް ކުރައްވައިފައެވެ.
"ވިސްނާ" ޖަލްސާއާ ގުޅިގެން އެ ކޮލިޝަންގެ ލީޑަޝިޕް ބޭފުޅުން މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ޝުޖާއު ވިދާޅުވީ ފުލުހުންނާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި، ޖަލްސާއާ ގުޅިގެން ހިއްސާކުރަންޖެހޭ މައުލޫމާތު ހިއްސާކުރި ކަމަށެވެ. އެގޮތުން ކާނިވާ ސަރަހައްދުގެ ޗެންޗޭނުގެ ތެރޭގައި ހިމެނޭ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލްސާއަށް ހާޒިރުވާ ފަރާތްތަކުގެ ސައިކަލުތައް ސަލްމާން މިސްކިތުގެ އުތުރުން ހަދާފައިވާ ޕާކިން ޒޯނުގައި ޕާކު ކުރުމަށާއި، ތާރު މަގުގައި ޕާކު ނުކުރުމަށް ފުލުހުންނާއި އެ ކޯލިޝަނުން އެދޭކަމަށް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ޖަލްސާގައި ގޮނޑި ޖެހިފައި ހުންނާނީ ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ކަމަށާއި، ހޭންޑް ސެނިޓައިޒާ ވެސް ލިބޭނެ ކަމަށެވެ.
އެ ޖަލްސާ ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ސަރުކާރުން ހަދާފައިވާ ގޯސްތަކާއި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކަމަށް ޝުޖާއު ވަނީ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެ ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ މަސްވެރިންނަށާއި، ދަނޑިވެރިންނަށާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ދައުވަތު ކާޑެއް ފޮނުވާފައިވާ ކަމަށެވެ.
އެ ޖަލްސާގައި ވަރަށް "ސަޕްރައިޒިން" ކަންތައްތަކަށް ފެނިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ރަށްތަކުގައި އޮންލައިންކޮށް ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ގއ. ވިލިނގިލީގައި އޮންލައިން ޖަލްސާ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.