އިދިކޮޅު ފަރާތްތަކުން އެމްއެމްއޭ ސަރަހައްދުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގައި ރޭ ވެސް ނޫސްވެރިއަކަށް ހަމަލާދީ ދިޓީވީގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ވެސް އެމްއެމްއޭ ސަރަހައްދުގައި ކުރިއަށް ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން ދަނިކޮށް، މުޒާހަރާގެ ތެރެއިން ބަޔަކު އެއްލި އެއްޗަކުން ޖެހި މުޒާހަރާގެ ކަވަރުކުރަމުން ދިޔަ ނޫސްވެރިއެއްގެ މޫނު މަތީގައި ޖެހި ޒަހަމްވެފައިވާ ކަމަށެވެ. އަދި އެވަގުތު އޭނާ އަށް ފަރުވާދިނުމަށް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެ ނޫސްވެރިޔާއަށް ލިބުނު ޒަހަމްގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ރޭގެ މުޒާހަރާގައި ޒަހަމްވީ ކުރިން ވީޓީވީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މިހާރު ފްރީލާންސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ގދ. މަޑަވެލީ ޝިހާމް މުހައްމަދު ވަހީދެވެ.

ޝިހާމް ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން ބަޔަކު އެއްލި އެއްޗަކުން ޖެހިފައިވަނީ އޭނާގެ ނޭފަތްމަތީގައި ކަމަށާއި އެވަގުތު އެއްޗެއް އެއްލިކަން ނޭނގުނީ މުޒާހަރާގެ މަންޒަރުތައް ވީޑިއޯކުރަން ހުންނެވުމުން ކަމަށެވެ.

" ކުއްލިއަކަށް މޫނުމަތީގައި އެއްޗަކުން ޖެހުނީ، އެވަގުތު ވީގޮތެއް ވެސް ނޭނގުނު. ދެން ފެނުނީ ކުއްލިއަކަށް ނޭފަތުން ވަރަށް ބައިވަރު ލޭ އައިތަން،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާ ކުރިއަށް ދަނިކޮށް ރޭވެސް ބަޔަކު ދިޓީވީގެ މަގުމަތީ ބިއްލޫރި ގަނޑަށް ހަމަލާދީ ބިއްލޫރިގަނޑެއް ތަޅާލާފައިވާ ކަމަށް ރިޕޯޓެއް ކޮށްފައިވާ ކަމަށެވެ.

އޮފިޝަލަކު ވިދާޅުވީ ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދިޔަ މަސައްކަތަށް ހުރަސް އަޅައި، އަމުރަށް ކިޔަމަންތެރިނުވި، ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން ތިން މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލި މީހުންގެ ތެރޭގައި 15 އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.