ތެހެރާން (ޑިސެމްބަރު 24): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާ އީރާނާ ދެކޮޅަށް ފެށި އިގްތިސާދީ ހަނގުރާމައިގެ ކޮމާންޑަރުކަމަށާ އެހަނގުރާމަ ނާކާމިޔާބުވުމުގެ އިތުރުން ޓްރަމްޕްގެ ސިޔާސީ ހަޔާތްވެސް ނާކާމިޔާބުވެ ޓްރަމްޕްގެ ސިޔާސީ ހަޔާތް މިހާރު ނިމިފައިވާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

އީރާނުގައި ގާއިމްކުރި ސިނާއީ މަޝްރޫއުތަކެއް އިފްތިތާހް ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވީ ޓްރަމްޕް އީރާނާ ދެކޮޅަށް އިގްތިސާދީ ހަނގުރާމަ އިއްލާން ކުރެއްވީ އޭނާއާއި މެދުއިރުމަތީގައިވާ އޭނާގެ ބައިވެރިން ބޭނުންވާގޮތަށް އީރާނުގެ ސިޔާސަތު ބަދަލުކުރުމަށް މަޖްބޫރު ކުރުމަށް ކަމަށާ ނަމަވެސް އެކަން ޓްރަމްޕާއި އޭނާގެ ބައިވެރިންނަށް ޙާސިލް ކުރެވިފައިނުވާ ކަމުގަ އެވެ.

އެމެރިކާގެ ބައިވެރިންގެ ގޮތުގައި އީރާނުން އެމެރިކާވެސް ހިމެނޭގޮތަށް ދުނިޔޭގެ ބޮޑެތި ބާރުތައް 2015 ވަނައަހަރު އީރާނާއެކު ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވީ ޓްރަމްޕްގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. މިއާއެކު ޓްރަމްޕްވަނީ 2015 ވަނައަހަރު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގެ ބަދަލުގައި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމުވެސް ހުއްޓާލުން ހިމެނޭގޮތަށް އެހެން އެއްބަސްވުމެއްގައި ސޮއިކުރުމަށް އީރާނަށް ގޮވާލާފަ އެވެ.

ޓްރަމްޕް

މިކަމަށް އީރާން ދެކޮޅު ހެދުމުން ޓްރަމްޕްވަނީ ދުވަހަކުވެސް އެމެރިކާއިން ގައުމަކާ ދެކޮޅަށް ނާޅާވަރުގެ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އަޅާފަ އެވެ. ނަމަވެސް އީރާނުގެ ސިޔާސަތު ބަދަލުކުރުމުގައި ޓްރަމްޕަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އީރާން އިގްތިސާދީ ގޮތުން އިނދަ ނުޖެހުމުގެ އިތުރުން އީރާނަށް ކަމެއް މަޖްބޫރުވެސް ކުރެވިފައެއް ނުވެ އެވެ.

މެދުއިރުމަތީގައިވާ ޓްރަމްޕްގެ ބައިވެރިން ކަމަށް އީރާން ދެކެނީ އިސްރާއީލާއި ޔޫއޭއީ އާއި ސައޫދީ އަރަބިޔާއެވެ. މީގެތެރެއިން އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރާއި އެނޫންވެސް ފަނާކުރަނިވި ހަތިޔާރު އުފައްދާ ގައުމެކެވެ. އަދި އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުތައް އިސްރާއީލާއި ޔޫއޭއީ އާއި ސައޫދީ އަރަބިޔާއަށް އަބަދުވެސް ލިބެމުންވެސް ދެއެވެ.

އީރާނަށް އެމެރިކާގެ ހަތިޔާރު ނުލިބުމުގެ އިތުރުން އެމެރިކާ ގެންދަނީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްވެސް ހުއްޓުވައި އަމިއްލަ ދިފާއުގައި އީރާން އަމިއްލައަށް އުފައްދާ ހަތިޔާރުގެ ސިނާއަތުވެސް ހުއްޓުވަން ކުރެވުނުހާ މަސައްކަތެއް ކުރަމުންނެވެ. އީރާން ބުނާގޮތުން 2015 ވަނައަހަރު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގެ ބަދަލުގައި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމުވެސް ހުއްޓާލުން ހިމެނޭގޮތަށް އެހެން އެއްބަސްވުމެއްގައި ސޮއިކުރަން އެމެރިކާއިން އީރާނަށް މަޖްބޫރުކޮށް ފިއްތުންތައް ކުރިމަތި ކުރަނީ އިސްރާއީލުގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއު ނުކުރެވޭ ގައުމަކަށް އީރާން ހެދުމުގެ ބޭނުމުގަ އެވެ.

އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އީރާންވަނީ މިކަމާ ދެކޮޅު ހަދާފައެވެ. ބަލިސްޓިކް މިސައިލް ޕްރޮގްރާމާ ބެހޭގޮތުން އެއްވެސް ގައުމަކާ އީރާން ވާހަކަ ނުދައްކާނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ. ރޫހާނީ ވިދާޅުވިގޮތުގައި ޓްރަމްޕްގެ އިގްތިސާދީ ހަނގުރާމަ ނާކާމިޔާބުވިގޮތަށް ޓްރަމްޕްގެ ސިޔާސީ ހަޔާތްވެސްވަނީ ނާކާމިޔާބުވެފައެވެ. އަދި ޓްރަމްޕް މިހާރު އުޅުއްވަނީ އޭނާގެ ސިޔާސީ ހަޔާތުގެ އެންމެ ފަހުގެ ދުވަސްތަކުގައި ކަމަށާ ޓްރަމްޕަކީ ސިޔާސީ ގޮތުން މިހާރު ނިމިފައިވާ ބޭފުޅެއްކަމަށްވެސް ރޫހާނީ ވިދާޅުވި އެވެ. (ރަޝިއާ ޓުޑޭ)