24 Dec 2020, 14:58
ސިންގަޕޫރު (ޑިސެމްބަރު 24): އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިން ސިންގަޕޫރުންވެސް ފެނިއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.
ސިންގަޕޫރުގެ ހެލްތު މިނިސްޓްރީ (އެމްއޯއެޗް)އިން ބުނި ގޮތުގައި، މިދިޔަ އޮގަސްޓު މަހުން ފެށިގެން އިނގިރޭސިވިލާތުގައި ހުރުމަށް ފަހު މި މަހުގެ ހަޔެއްގައި އެގައުމަށް ދިޔަ 17 އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑުގައި އާ ސްޓްރެއިން ހުރިކަން މިހާރު ވަނީ އެނގިފަ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ސިންގަޕޫރަށް ދިޔުމަށް ފަހު 14 ދުވަސްވަންދެން ކަރަންޓީނުގައި ހުރި އެ ކުއްޖާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުނީ މިމަހުގެ އަށެއްގަ އެވެ. އަދި އެ ކުއްޖާ އާއި އޭނާއާ ދިމާވި އެންމެން ދެ ހަފްތާއަށް ކަރަންޓީނުކޮށް، އޭގެ ފަހުން ވައިރަހަށް ނެގެޓިވްވެފައިވާތީ އެ ކުއްޖާގެ ސަބަބުން އެހެން ބަޔަކަށް ބަލި ފެތުރިފައިވާ ކަމަށް ނުބެވެލެވެ އެވެ.
"އޭނާއާ ދިމާވި އެންމެން ކަރަންޓީނުކޮށް، ކަރަންޓީނުގެ މުއްދަތު ނިމުމުން ހެދި ޓެސްޓުން ވަނީ ނެގެޓިވްވެފަ. އަދި އޭނާ ސިންގަޕޫރަށް އައުމާއެކު އެކަހެރި ކޮށްފައި ވާތީ، އޭނާގެ ފަރާތުން އިތުރު ބަޔަކަށް ބަލި ނުފެތުރޭ ގޮތަށް ހެދުނު،" ހެލްތު މިނިސްޓްރީން ބުންޏެވެ.
ސިންގަޕޫރުގެ ނެޝަނަލް ޕަބްލިކް ހެލްތު ލެބޯރެޓަރީ (އެންޕީއެޗްއެލް)އިން ދަނީ މިފަހުން ޔޫރަޕްގެ ގައުމުތަކުން އެގައުމަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި ހުރީ ކޮރޯނާވައިރަހުގެ ކޮން ސްޓްރެއިންއެއްތޯ ބަލަމުންނެވެ. އަދި މިދިޔަ މަހުގެ 17 އާއި މިމަހުގެ 17އާ ދޭތެރޭ އެގައުމަށް ޔޫރަޕުން ދިޔަ 31 މީހަކަށް ކޮވިޑު ޖެހިފައިވާ އިރު، އޭގެ ތެރެއިން 11 މީހަކަށް ބަލި ޖެހުނީ އާ ސްޓްރެއިން އިން ކަމަށް ސިންގަޕޫރުން ލަފާ ކުރެ އެވެ. އަދި އެކަން ޔަގީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތުން ބުންޏެވެ.
މީގެ އިތުރުން އެ އެންމެންނަކީވެސް 14 ދުވަހަށް ކަރަންޓީނުގައި ބޭތިއްބި މީހުންކަން އެ މިނިސްޓްރީން ފާހަގަ ކުރި އެވެ.
ސިންގަޕޫރުން ވަނީ އެގައުމުގެ ލޯންގް-ޓާމް ވޯކް ޕާސް އޮންނަ މީހުންނާއި ކުރު މުއްދަތަކަށް އެގައުމަށް ދަތުރު ކުރާ މީހުންގެ ތެރެއިން ފާއިތުވި 14 ދުވަސް ތެރޭ އިނގިރޭސިވިލާތަށް ގޮސްފައިވާ މީހުން އެގައުމަށް ދިޔުން ރެއިން ފެށިގެން މަނާކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެގައުމުން ފެނުނު ކޮރޯނާވައިރަސް ސްޓްރެއިން، އާއްމުކޮށް ފެންނަ ސްޓްރެއިންނަށް ވުރެ ހަލުވި ކަމާއެކު ފެތުރޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އާ ސްޓްރެއިންގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ ނުވަތަ އޭތި ވެކްސިންއަށް ނުގުޑާނެ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސާ ކްރިސް ވިޓީ ވިދާޅުވި އެވެ.
ސިންގަޕޫރުން ވަނީ އެގައުމުގައި ފައިޒާގެ ކޮވިޑް ވެކްސިން ޖަހަން މިދިޔަ ހަފްތާގައި ހުއްދަ ދީފަ އެވެ. އަދި އެ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓު މި ހަފްތާ ތެރޭ އެގައުމަށް ވަނީ ލިބިފަ އެވެ.