މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހުއްޓުވުމަށް އިސް ސަފުގައި ހަރަކާތްތެރިވަނީ ފުލުހުންނެވެ. ނަމަވެސް ރޭގެ މުޒާހަރާ ހޫނުވެ، ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަން ފެށި ހިސާބުން މުޒާހަރާ މައިތިރި ކުރަން ނުކުތީ އަސްކަރިއްޔާއިންނެވެ. ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން 10 ވަނަ މުޒާހަރާ މައިތިރި ކުރަން ސިފައިން ނުކުތީ ފުލުހުންގެ ފައުޖުތަކުގެ ފަހަތަކުންނެއް ނޫނެވެ. އެމްއެމްއޭ ސަރަހައްދާ ދިމާލުން އެމްޓީސީސީ ކައިރިއަށް އެއްވެފައިވާ މީހުންގެ ސަފުތައް ރޫޅަލުމަށްޓަކާ ސިފައިން ކުރިމަތިލީ މުޒާހަރާގެ ފަހަތުންނެވެ. ސިފައިންގެ ވެހިކަލްތަކާއެކު މޫނު ނިވާކޮށްގެންތިބި 15 ވަރަކަށް ސިފައިން މުޒާހަރާގެ ތެރެއަށް ވަނީ ކުރީގެ ކަރާ މާރުކޭޓް ސަރަހައްދުންނެވެ.

ރޭ 9:00 ޖެހިއިރު ފެށި މުޒާހަރާ ހޫނުވެގެންދިޔައީ 12:30 އެހާކަންހާއިރު މުޒާހަރާގެ ތެރެއަށްވަދެ ސިފައިން އަމުރު ކުރަން ފެށި ހިސާބުން މުޒާހަރާގެ އަޑު ގަދަވާން ފެށުމުންނެވެ. މޫނު ނިވާކޮށްގެން ތިބި ރަޔަޓް ގިޔަރު ސިފައިން އެހެން މުޒާހަރާތަކުން ނުފެންނަ ގޮތަކަށް އަޑުގަދަކޮށް، އަމުރު ކުރަން ފެށުމުންނެވެ. ސިފައިން ވަނީ އަމުރުތަކަށް ކިޔަމަން ނުވި މީހުން ވަގުތުން ހައްޔަރުކޮށްފަ އެވެ. އެގޮތުން ނުވަ މީހަކު ފަހަތައް ކްލިޕް ބިޑި އަޅުވައި ހައްޔަރު ކުރި އެވެ.

ސިފައިން އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ބުނެ ލޭ ހޫނުވެގެން ސިފައިންނަށް ރޭ އާންމުން ހަޅޭއްލެވި އެވެ. އަދި ގަލާއި ފުޅި ފަދަތަކެތި ސިފައިންނާ ދިމާލަށް އުކި އެވެ. އެ ދަނޑިވަޅުގައި ސިފައިންގެ ފައުޖުގެ ކޮމާންޑަރުން އަމުރު ކުރަމުންދިޔައީ ހަމަލާދޭމީހުން ހައްޔަރު ކުރުމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް އާންމުން ހައްޔަރު ކުރުމުގައި ރަޔަޓް ސިފައިން ވަނީ ފަހަތަށް ޖެހިފަ އެވެ.

ނަތީއްޖާއަކަށްވީ ސިފައިންގެ ސަފުތައް ފަހަތައްޖެހި މުޒާހަރާގެ ބައިވެރިން ކުރި އެރުމެވެ. ސިފައިންގެ ވެހިކަންތަކާއެކު މުޅި ފައުޖު ޖުމްހޫރީ މައިދާނަށް އޮބާލުމުން ދެން މުޒާހަރާ މައިތިރިކުރަން ނުކުތީ ފުލުހުންނެވެ. ސިފައިން އަމަލުކުރި ގޮތުން ރަޔަޓް ފުލުހުން ވެސް ޝީލްޑް ދިއްކުރަން ޖެހުނީ އާންމުން އުކި ގަލާއި ފުޅިއާއި ތަރުކާރީ ފަދަ ތަކެއްޗާ އެވެ. އަދި ބަންދުކުރަން ބޮޑުތަކުރުފާނު މަގު އެމްޓީސީސީ ބިލްޑިން ކައިރީގައި ފުލުހުން ބަހައްޓާފައިވާ ބެރިކޭޑްތައް ނަގަން ޖެހުނީ މޫދުންނެވެ.

ސިފައިންނަށްފަހު މުޒާހާރާގެ ހަމަލަތައް ފުލުހުންނަށް ރައްދުވާން ފެށިއިރު މުޒާހަރާ ލީޑު ކުރާނެ ވަކި ސިޔާސީ ވެރިޔަކު ނެތެވެ. ސިޔާސީ ޕާޓީއެއްގެ އިސް އެކްޓިވިސްޓަކު ވެސް ފެންނާކަން ނެތެވެ. މުޅިން އުޅުނީ ޒުވާނުންތަކެވެ. އެމީހުން ހަމަލާ ދެމުން ދިޔައީ މޫނު ނިވާކޮށްގެން ތިބި އެވެ.

ސިފައިންގެ ސަފު އޮބައިލައި ފުލުހުން ދެވަނަ ފަހަރަށް މުޒާހަރާގެ ކޮންޓްރޯލް ކުރުމަށް ނުކުތުމުން މީގެ ކުރިން ނުފެންނަ މަންޒަރެއް ފެނުނެވެ. ރަޔަޓް ފުލުހުންނަށް ކޮމާންޑް ކުރަން ހުރި އިސް ފުލުހަކު ފަހަތަށް ޖެހި މުޒާހަރާ ރޫޅާލުމަށް ކޮމާންޑް ނުކުރާނެ ކަމަށް ބުނަމުން ދިއުމެވެ. އޭނާ އެކަންކޮށްފައި ވަނީ ނޫސްވެރިންނަށް ވެސް އަޑުއިވޭވަރަށް ގާތުގައި ހުރެގެނެވެ. ނަމަވެސް އެއީ ކޮން ކޮމާންޑަރެއް ކަމެއް ސާފެއް ނުވެއެވެ.

އޭނާގެ ބަދަލުގައި ދެން ކޮމާންޑު ކުރަން ނުކުތް ފުލުހަކާއެކު ރަޔަޓް ފުލުހުން މުޒާހަރާގެ ބައިވެރިންގެ މައްޗަށް ކުރި ހޯދި އެވެ. މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސަމުން ގޮސް ބޮޑުތަކުރުފާނު މަގުން ކަސްޓަމާ ހިސާބަށް މުޒާހަރާ ފަހަތައް ޖެއްސިއެވެ. ފުލުހުންނަށް ކިޔަމަންނުވި ދެ މީހަކު ހައްޔަރު ވެސް ކުރި އެވެ. މުޒާހަރާ ކުރަމުންދިޔަ ޒުވާނުންގެ މައްޗަށް ފުލުހުންނަށް ކުރި ހޯދައި ނޭވާއެއް ލެވޭވަރުވީ ދެގަޑިއިރުގެ މަސައްކަތުންނެވެ. އަދި ފުލުހުންނަށް ކޮމާންޑު ކުރަން ދެކޮޅު ހެދި ކޮމާންޑަރު ވެސް ފަހުން ފައުޖާ ގުޅި އަމުރުތައް ކުރަމުން ދިޔަ އެވެ.
ފުލުހުންގެ ފައުޖު ފޯލް ބެކަށް އައި ދަނޑިވަޅު ފުލުހުންގެ ލަވަ، އަޒުމް ހަރު އަޑު ކިޔަން ފެށި އެވެ. ކޮމާންޑަރުގެ ފަހަތުންނެވެ. އިސްލާމް ދީން ހިމާޔަތް ކުރުމާއި ގާނޫނު އަސާސީ ދެމެހެއްޓުމާއި ދިވެހި ރައްޔިތުންނަށް ސަލާމަތާމަތާއި ރައްކާތެރިކަން ދިނުމުގައި ދެމި ތިބޭނެ ކަމުގައި ފުލުހުން އަހުދުވި އެވެ. އެމަންޒަރު ބަލަން ދުރުގައި ތިބި ބައެއް މީހުން ބުނީ މުޒާހަރާ "ހަޑިކޮށްލީ" ސިފައިން ކަމަށެވެ.