އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބާއްވަން ނިންމާފައިވާ "ވިސްނާ" ޖަލްސާއާ ގުޅިގެން އެ ކޮލިޝަންގެ ލީޑަޝިޕް ބޭފުޅުން ފުލުހަށް ހާޒިރުވާން އަންގާފި އެވެ.

ޖަލްސާ ބޭއްވުމަށް އިދިކޮޅުން މަސައްކަތް ކުރަނީ އަންނަ ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދުގަ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް މިއަދު ވިދާޅުވީ، އެ ޖަލްސާއާ ގުޅިގެން ލީޑަޝިޕް ބޭފުޅުން މިއަދު ހަވީރު 3:00ގައި ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

"ސީދާ ވަކި ކޮންކަމެއްގައ ކަމެއް ނޭނގެ. އެހެން ނަމަވެސް ހާޒިރުވާން އެންގީ ވިސްނާ ޖަލްސާއާ ގުޅިގެން،" ހީނާ ވިދާޅުވި އެވެ.

ފުލުހަށް ހާޒިރުވުމަށްފަހު، ހަވީރު 4:00 އަށް އިދިކޮޅުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ތާވަލްކޮށްފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ވިސްނާ ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހުއްދައަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ސިޓީ އެއް ވަނީ ފޮނުވާފަ އެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ ޖަލްސާ ބޭއްވުމަށް ހުއްދަ ދިން ކަމެއް އަދި ސާފެއް ނޫނެވެެ.