24 Dec 2020, 14:03
ވޮޝިންޓަން (ޑިސެމްބަރު 24) : އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީއަށް ދެމުންގެންދާ ރޮކެޓް ޙަމަލާތައް އިތުރުވަމުންދާތީ އެންބަސީ ބަންދުކުރަން އެމެރިކާ ނިންމާފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ވައިޓް ހައުސްގެ އިސްފަރާތަކާ ހަވާލާދީ އެމެރިކާގެ އިތުބާރުހުރި ނޫސް ސައިޓެއްކަމަށްވާ "އެކްސިއޮސް" ބުނާ ގޮތުން ވައިޓް ހައުސް އިން ވަނީ ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީ ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމައިފަ އެވެ. ނަމަވެސް މިކަން އަދި އިޢުލާނެއް ނުކުރެ އެވެ. ބަޣްދާދުގެ އެންމެ ރައްކާތެރި ސަރަހައްދު ކަމަށްވާ ގްރީން ޒޯންގައި ހުންނަ އެމެރިކާގެ އެންބަސީއަށް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ރޮކެޓްގެ ސިލްސިލާ ޙަމަލާތަކެއް އަމާޒުވެފައިވާ އިރު އެންބަސީގެ އިމާރާތައް ބައެއް ގެއްލުން ލިބިފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނެ އެވެ.
ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީއަކީ ދުނިޔޭގެ ގައުމެއްގައިވާ އެމެރިކާގެ އެންމެ ބޮޑު އެންބަސީއެވެ. އެތައް ސަތޭކަ މުވައްޒަފުން މަސައްކަތްކުރާ އެތަނަކީ ޑިޕްލޮމެޓިކް އޮފީހަކަށް ވުރެ ބޮޑަށް އެއީ އެމެރިކާގެ ޖާސޫސީ މަރުކަޒެއްގެ ގޮތުގައި އިރާގުގެ އާންމުން ސިފަކުރާތަނެކެވެ.
އެތަން ބިނާކޮށްފައި ވަނީ 2003 ވަނަ އަހަރު އެމެރިކާ އިން އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ ދޮގުހަދައި ދުނިޔެއަށް އޮޅުވާލުމަށް ފަހު އިރާގަށް އިސްވެ ޙަމަލާދީ ހަނގުރާމަކޮށް އިރާގުގެ ސަރުކާރު ވައްޓާލައި އެމެރިކާ ސިފައިން އިރާގު އިސްތިއުމާރު ކުރިކުރުމަށް ފަހުގަ އެވެ. އެމެރިކާ އިރާގާ ދެކޮޅަށްކުރި ޣައިރުގާނޫނީ އުދުވާނީ ހަނގުރާމައިގާ އެމެރިކާ ދިން ވައިގެ ޙަމަލާތަކުގައި އިރާގުގެ އެތައް ލައްކަ އާންމުން މަރުވެ އިރާގުގެ އިންފްރާސްޓްރަކްޗާ ބިމާ ހަމަކޮށް އިރާގު އަޅުވެތިކޮށްފައިވެ އެވެ. އެމެރިކާ އިން އިރާގަށް އަލުން މިނިވަންކަންދިނީ 2004 ވަނަ އަހަރުގައި ކަމަށްވިޔަސް އެއަށް ފަހު މިހާތަނަށް ވެސް އިރާގުވަނީ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގަ އެވެ.

ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީ
ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީއަށް ސިލްސިލާ ގޮތެއްގައި ރޮކެޓް ޙަމަލާތައް ދީފައިމި ވަނީ 2019 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެމެރިކާއިން އިރާގަށް ވައިގެ ހަމަލާތަކެއްދީ އީރާނުގެ އަސްކަރީ ކޮމާންޑަރެއްކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ އާއި އިރާގުގެ ހަތިޔާރުއެޅި ޖަމާއަތެއްގެ އިސް ކޮމާންޑަރު އަބޫމަހްދީ އަލްމުހަންދިސް އަވަހާރަކޮށްލި ޖަރީމާތަކަށް އެއްއަހަރު ފުރުން އީރާނާއި އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތަކުން ފާހަގަކުރާ ދަނޑިވަޅެއްގަ އެވެ.
އީރާނުންވަނީ ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ޖަރީމާއަށް ބަދަލުހިފުމުގެ ގޮތުން މިިދޔަ ޖަނަވަރީ މަހު އިރާގުގައިވާ އެމެރިކާގެ އަސްކަރީ ދެމަރުކަޒަކަށް ބަލިސްޓިކް މިސައިލުން ޙަމަލާދީ އެމެރިކާ ސިފައިންގެ 90 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ.
އަބޫމަހްދީ އަލްމުހަންދިސް އަވަހާރަކޮށްލި ޖަރީމާއަށް ބަދަލުހިފުމުގެ ގޮތުން އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތަކުން ގެންދަނީ އިރާގުގައިވާ އެމެރިކާގެ އެންބަސީއަށާއި އިރާގުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދޭތެރެއަކުން ރޮކެޓް ޙަމަލާތައް ދެމުންނެވެ. އިރާގުގެ ޖަމާއަތްތަކުންދޭ މިޙަމަލާތަކުގެ ޒިންމާ އެމެރިކާ އިން އަޅުވަނީ އީރާންގެ ބޮލުގައެވެ.
ފާއިތުވި ދެތިންދުވަހު އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތަކުން އެމެރިކާގެ އެންބަސީއަށް ދިން ރޮކެޓް ޙަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާގުގައި އެމެރިކާގެ އެއްވެސް މީހަކު މަރުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އީރާނުން ކަމަށް ވިދާޅުވެ އީރާނަށް ހަރުކަށި އިންޒާރެއް ދެއްވައިފަ އެވެ.
ދާދިފަހުން އިސްރާއީލުން އަވަހާރަކޮށްލި އީރާނުގެ ނިއުކްލިޔާ ސައެންސް ވެރިޔާ ޑރ. މުހްސިން ފަޚްރީ ޒާދާ އަވަހާރަކޮށްލުމުގައި އިސްރާއީލަށް އެހީތެރިވި ކަމުގެ ތުހުމަތު އީރާނުން ކުރަނީ އެމެރިކާގެ މައްޗަށެވެ. އީރާނުންވަނީ ޑރ. މުހްސިން ގެ މަރަށް ބަދަލުހިފުމަކީ އީރާނުގެ ހައްގެއްކަމަށާ އެކަން ކުރާނެކަމުގެ އިންޒާރު އިސްރާއީލަށް ދީފަ އެވެ.
ޓްރަމްޕްގެ ބޭނުމަކީ އަންނަ ޖަނަވަރީ މަހުގެ 20ގައި އޭނާ ވައިޓް ހައުސް އިން ނުކުމެވަޑައިގަތުމުގެ ކުރިން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދޭނެ ފުރުސަތެއް ހޯދުންކަމަށް ރިޕޯޓްތައް ބުނެ އެވެ. އީރާނުގެ އިސްބޭފުޅުން އަވަހާރަކޮށްލުމުގެ ޖަރީމާތައް އެމެރިކާއާއި އިސްރާއީލުން ހިންގަނީ ރައްދުގައި އީރާނުން ޙަމަލާއެއް ދީފާނެކަމުގެ އުންމީދުގައި ކަމަށާއި އީރާނުން ރައްދު ހަމަލާއެއް ދީިފިނަމަ އެއީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުމަށް ލިބޭ ފުރުސަތެއްކަމަށް ޓްރަމްޕް ދެކޭކަަމަށް މުހައްލިލުން ވިދާޅުވެ އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)