ވޮޝިންޓަން (ޑިސެމްބަރު 24): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ދަނބިދަރިކަލުންގެ ބައްޕާފުޅު ޗާލްސް ކުޝްނާ އާއި ކުރީގެ ކެމްޕޭން މެނޭޖަރު ޕޯލް މެނަފޯޓަށް މާފު ދެއްވައިފި އެވެ.

އިއްޔެ ރައީސް ޓްރަމްޕް ވަނީ އެކި މައްސަލަތަކުގައި ހުކުމްކޮށްފައިވާ 26 މީހަކަށް މާފު ދެއްވާ، ތިން މީހެއްގެ ހުކުމް ލުއިކޮށްދެއްވާފަ އެވެ. އޭގެ ތެރޭގައި ކުޝްނާ އާއި މެނަފޯޓްގެ އިތުރުން ޓްރަމްޕްގެ ކުރީގެ މުޝީރެއް ކަމަށްވާ ރޮޖާ ސްޓޯން ހިމެނެ އެވެ.

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާގެ ފިރިކަލުން ޖެރަޑްގެ ބައްޕާފުޅު ދެ އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2005 ވަނަ އަހަރެވެ. އެއީ ޓެކުހަށް މަކަރު ހެދުމާއި ގަވާއިދާ ހިލާފަށް ޑިމޮކްރެޓިކް ޕާޓީގެ ކެމްޕޭނަށް ފައިސާ ހަދިޔާ ކުރެއްވުމާއި މައްސަލައިގެ ހެކިވެރިންނަށް ނުފޫޒު ފޯރުވަން އުޅުއްވުމުގެ ދައުވާގަ އެވެ.

އެ މައްސަލައާ ގުޅިގެން ކުޝްނާ ޖަލުގައި ހޭދަ ކުރެއްވީ 16 މަހެވެ. އަދި އޭގެ ފަހުން އޭނާ ވަނީ "މުޖުތަމައަށް ފައިދާ ހުރި" ގިނަ އަދަދެއްގެ ހަރަކާތްތަކާއި ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާފައި ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.

ޓްރަމްޕް ދެން މާފު ދެއްވި މެނަފޯޓް އާއި ސްޓޯން އަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން ދައުވާ ކުރި މީހުންނެވެ.

އޭގެ ތެރެއިން މެނަފޯޓްގެ މައްޗަށް ޓެކުހަށް މަކަރު ހެދުމާއި ބޭންކަށް އޮޅުވާލުން ފަދަ ދައުވާތަކެއް ސާބިތުވެ، ހަތް އަހަރާއި ހަ މަހަށް ޖަލަށް ލާން 2018 ވަނަ އަހަރު ހުކުމް ކުރި އެވެ. ނަމަވެސް ކޮވިޑުގެ ނުރައްކަލާ ހެދި މިދިޔަ މެއި މަހު އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އަދި ސްޓޯން ތިން އަހަރާއި ހަތަރު މަހަށް ޖަލަށް ލާން މިދިޔަ އަހަރު ހުކުމް ކުރީ ރަޝިއާގެ ތަހުގީގު ތެރޭގައި އިންވެސްޓިގޭޓަރުންނަށް އިތުރުފުޅު ހެއްދެވިކަން ސާބިތުވުމުންނެވެ.

ނަމަވެސް ސްޓޯންގެ ޖަލު ހުކުމް ތަންފީޒު ކުރަން ފެށުމުގެ ކުރިން، މިދިޔަ ޖުލައި މަހު ޓްރަމްޕް ވަނީ އޭނާ ހުކުމް ތަންފީޒު ކުރަން ނުޖެހޭ ގޮތަށް ހުކުމް ލުއިކޮށްދެއްވާފަ އެވެ.

ޓްރަމްޕް ވަނީ ރަޝިއާގެ ތަހުގީގާ ގުޅިގެން ދައުވާތައް ސާބިތުވެފައިވާ ފަސް މީހަކަށް މިހާތަނަށް މާފު ދެއްވާފަ އެވެ. އޭގެ ތެރޭގައި އެފްބީއައިއަށް އިތުރުފުޅު ހެއްދެވި ކަމަށް އިއުތިރާފުވި ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މައިކަލް ފްލިން ހިމެނެ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ޓްރަމްޕް ވަނީ 2007 ވަނަ އަހަރު އިރާގުގެ 14 ރައްޔިތަކު މަރާލި އެމެރިކާގެ ސަރުކާރުގެ ހަތަރު ކޮންޓްރެކްޓަރަކަށް މާފު ދެއްވާފަ އެވެ.

އެ ހަތަރު މީހުންނަކީ ޕްރައިވެޓް މިލިޓަރީ ކުންފުންޏެއް ކަމަށްވާ ބްލެކްވޯޓާގެ މުވައްޒަފުންނެވެ. އަދި 16 ސެޕްޓެމްބަރު 2007ގައި އެމީހުން އެމެރިކާގެ އެމްބަސީގެ އޮފިޝަލުންތަކެއް ގޮވައިގެން ކޮންވޯއިއެއްގައި، ބަގުދާދުން ދަތުރު ކުރަމުންގޮސް، އެ ސަރަހައްދުގައި ތިބި އިރާގުގެ ރައްޔިތުންނާ ދިމާލަށް ބަޑި ޖެހި އެވެ. އެ ހާދިސާގައި މަރުވި 14 މީހުންގެ ތެރޭގައި ދެ ކުޑަކުއްޖަކު ހިމެނެ އެވެ.

އެ ހާދިސާގައި އެ ހަތަރު މީހުން ބަޑި ޖަހަން ފެށީ އެމީހުންނަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ކަމަށް އެމީހުން ބުނި ނަމަވެސް، އެމީހުންނަށް އެފަދަ ނުރައްކަލެއް އަމާޒު ނުވާ ކަމަށާއި އެ ސަރަހައްދުގައި ތިބީ ހަތިޔާރެއް ނެތި ތިބި އާއްމު ރައްޔިތުން ކަމަށް ޕްރޮސެކިއުޓަރުން ވިދާޅުވި އެވެ.

އެ މައްސަލައިގައި ފުރަތަމަ ބަޑި ޖެހި މީހާ އުމުރަށް ޖަލަށް ލާން ހުކުމް ކުރި އިރު ދެން ތިބި ތިން މީހުންގެ މައްޗަށް ކުރީ 30 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ޓްރަމްޕް އެ ހަތަރު މީހުންނަށް މާފު ދެއްވުމުން އޭނާއަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ.