24 Dec 2020, 09:16
މިއަހަރަކީ ދުނިޔޭގެ ފިލްމު އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ކުރިއަހަރެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގެ ސިނަމާތައް ބަންދުކުރުމުން އެންމެ ބޮޑު ގެއްލުމެއް ކޮށްފައިވަނީ ހޮލީވުޑް އަށެވެ. މީގެކުރީން ނުވެއްޓޭހާ ބޮޑު އަޑިގަނޑަކަށް ހޮލީވުޑް ބޮކްސް އޮފީސް ވެއްޓުނު ނަމަވެސް އެކަމުން އަރައިގަތުމަށް ތަފާތު ފިލްމުތަކެއް ނެރުނެވެ. މިއަހަރުގެ ފިލްމުތަކުގެ ލިސްޓުގައި ވަރުގަދަ ފިލްމުތައް ވަނީ ފެނިގެން ގޮސްފައެވެ.
މިއަހަރުގެ އެންމެ ވަރުގަދަ ފިލްމުތަކުގެ ލިސްޓަށް ބަލާނަމަ ހޮލީވުޑުން ގިނަ ފިލްމުތަކެއް އުފެދިފައި ނުވި ނަމަވެސް ވަނީ އެކި ޖާންރާގެ ތަފާތު އުފެއްދުންތައް ފެނިގެން ގޮސްފައެވެ. އެގޮތުން

ޓެނެޓް
ޓެނެޓް
ކްރިސްޓޮފާ ނޯލަންގެ "ޓެނެޓް" އަކީ މިއަހަރުގެ އެންމެ ގިނަ ބަޔަކު ވާހަކަ ދެއްކި އެއް ފިލްމަށް ވެދާނެއެވެ. ސަބަބަކީ ކޮވިޑް-19 ޕެންޑެމިކްގެ ތެރެއިންވެސް އެ ފިލްމު ދުނިޔޭގެ ބައެއް ސިނަމާތަކަށް ނެރެފައިވުމުންނެވެ. އަދި އޭގެއިތުރުން އެ ފިލްމު އެތައް ފަހަރެއްގެ މަތީން ޑިލޭ ކުރަމުން ދިޔުމަކީވެސް ފިލްމަށް އޮތް ސަމާލުކަން އިތުރުވެގެން ދިޔަ ސަބަބަކެވެ.
ނޯލަންގެ ޓެނެޓް އަކީ ސައިންސް ފިކްޝަން ތްރިލާއެކެވެ. އޭނާގެ ޓައިމް ޓްރެވެލް އަށް ހުންނަ ލޯބި ޓެނެޓް އިން ފެނިގެންދަނީ މުޅިން ތަފާތު ގޮތަކަށެވެ. އެގޮތުން ކުއަންޓަމް ފިޒިކްސް ބޭނުންކޮށްގެން ޕެރަލެލް ރިއޭލިޓީ ދައްކުވައިދޭ އެ ފިލްމުގައި ޓައިމްލައިން އިންވާސްކޮށްގެން ދައްކުވައިދެއެވެ. އެއާއެކު ލީޑް ކެރެކްޓަރު ދެ ޓައިމްލައިންއަކުން ފެނިގެންދެއެވެ. އެއް ޓައިމްލައިންގައި ހުރިހާ ހަރަކާތެއް ދަނީ ފަހަތަށެވެ.

އެމާ
އެމާ
އެމާގެ ލީޑް ރޯލުން ފެނިގެންދާ އާންޔާ ޓޭލާ-ޖޯއި އަށް 2020 ވެގެން ދިޔައީ ވަރަށް ކާމިޔާބު އަހަރަކަށެވެ. މިއަހަރުގެ ގިނަ ފިލްމުތަކަކުން އާންޔާ ފެނިގެންގޮސްފައިވާއިރު ބޮޑެތި ކާމިޔާބީތައްވެސް ވަނީ އެ އުފެއްދުންތަކުން އޭނާއަށް ލިބިގެންގޮސްފައެވެ. އާންޔާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ މިއަހަރުގެ ކުރީކޮޅުގައި ނެރުނު އެމާއެވެ.
މަޝްހޫރު ލިޔުންތެރިޔާ ޖޭން އޯސްޓެންގެ "އެމާ" އަށް ލިޔެ ތައްޔާރުކޮށްފައިވާ އެމާ ވެގެން ގޮސްފައިވަނީ ގިނަ ބަޔަކު ބަލައިގަތް ޕީރިއަޑް ޓައިމް ޕީސް ޑްރާމާއަކަށެވެ.

އިންވިޒިބަލް މޭން
އިންވިޒިބަލް މޭން
މިއަހަރުގެ އެންމެ ވަރުގަދަ އެއް ބިރުވެރި ފިލްމު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާނެ އެއް ފިލްމަކީ "އިންވިޒިބަލް މޭން" އެވެ. އެލިޒަބެތު މޮސް ލީޑް ރޯލުން ފެނިގެންދާ އެ ފިލްމަކީ ސައިންސް ފިކްޝަން މެޓީރިއަލް ހިމަނައި ބިރުވެރި ފިލްމެއްގެ ގޮތުގައި ތައްޔާރުކުރި ފިލްމެކެވެ.
އިންވިޒިބަލް މޭން އަކީ ޔުނިވާސަލް ޕިކްޗާސްގެ ބައެއް ކުރީގެ ކެރެކްޓަރުންގެ ތެރޭގައި ހިމެނޭ އިންވިޒިބަލް މޭން އަށް ބަދަލު ގެނެސް ތަފާތު ގޮތެއްގައި ނެރުނު ފިލްމެކެވެ.

ހޯސްޓް
ހޯސްޓް
ބިރުވެރި ކޮންޓެންޓު އުފެއްދުމަށް މަޝްހޫރު ޕްލެޓްފޯމެއް ކަމަށްވާ "ޝަޑާ" އިން ނެރުނު ހޯސްޓް އަކީ މިއަހަރުގެ ކޮވިޑް-19ގެ މެދުތެރޭގައި ޝޫޓުކޮށްފައިވާ ފިލްމެކެވެ. އެ ފިލްމަކީ ކޮވިޑްގެ ހާލަތާ އެންމެނަށްވެސް އެންމެ ގުޅުވޭނެ ފިލްމެކެވެ.
މުޅީ ފިލްމު ތައްޔާރުކޮށްފައިވަނީ ޒޫމް މީޓިން އެއް މެދުވެރިކޮށެވެ. އެ ފިލްމުގައި ރަހުމަތްތެރިންގެ ގްރޫޕެއް ޒޫމް މެދުވެރިކޮށް ރޫހާނީ ބާރަކަށް ގޮވައި އެ ގެނައުމަށް މަސައްކަތް ކުރެއެވެ. އަދި އެންމެފަހުން ބާރުގަދަ ރޫހާނީ ބާރެއް އައިސް އެންމެފަހުން ރަހުމަތްތެރިންގެ ސަމާސާ ވިހަވެގެންދާ މަންޒަރު ފެނިގެން ދެއެވެ.
އެ ފިލްމުތަކުގެ އިތުރުންވެސް ތަފާތު އިތުރު ވަރުގަދަ ބައެއް ފިލްމުތައް ހިމެނެއެވެ. އޭގެތެރޭގައި ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ؛
މެންކް
- ބާޑްސް އޮފް ޕްރޭ
- ހެމިލްޓަން
- ދަ ޖެންޓްލްމެން
- އިނޯލާ ހޯމްސް