ދުނިޔޭގެ އެންމެ ބޮޑު ގަނޑުފެންގަނޑު ދެފަޅިވެއްޖެ އެވެ. އޭ-68 އޭ ގެ ނަމުން ނަންދެވިފައިވާ މި ގަނޑުފެންގަނޑު މިހާރު ދަތުރުކުރަމުންދަނީ ދެކުނު އެޓްލާންޓިކްއާ ދިމާލަށެވެ.

އެންޓާޓިކާގެ އައިސް ޝެލްފުން މި ގަނޑުފެންގަނޑު ވަކިވެފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ގަނޑުފެންގަނޑު ދިޔައީ މަޑުމަޑުން އުތުރަށް ދަތުރުކުރަމުންނެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ ރިޕޯޓުތައް ބުނާގޮތުން ގަނޑުފެންގަނޑުގައި ކަނޑުގެ ލޮނުގަނޑުން މައްޗަށް 30 މީޓަރު ހުރެ އެވެ. އަދި ބޮޑު މިނުގައި 5،100 ސްކޮޔާ ކިލޯމީޓަރު ހުރެ އެވެ.

ނަމަވެސް މިފަހުން މި ގަނޑުފެންގަނޑު ވަނީ ޖޯޖިއާގެ ދެކުނުގެ ރަށަކަށް ލައްވެފަ އެވެ. މި ރަށަކީ މިލިއަނެއްހާ ޕެންގުއިން އާއި ސީލް ދިރިއުޅޭ ތަނެކެވެ.

ގަނޑުފެންގަނޑު ދެފަޅިވެފައިވާ ސަބަބެއް އަދި މިހާތަނަށް ޔަގީންވެފައި ނުވިނަމަވެސް، ޔޫރަޕިއަން ސްޕޭސް އޭޖެންސީ އިން ބުނެފައިވާގޮތުގައި ބެލެވޭގޮތުގައި މިއީ ކަނޑު އަޑީން ސީބެޑްގައި ޖެހުމުގެ ސަބަބުން ވެފައިވާ ކަމެކެވެ.

މިކަމުގެ ސަބަަބުން އަދި މިހާތަނަށް މާބޮޑު ނުރައްކާތަކެއް ކުރިމަތިވެފައި ނުވިނަމަވެސް، ގަނޑުފެންގަނޑު އިތުރަށް ދަތުރުނުކޮށް މާ ގިނަދުވަސް ވެއްޖެނަމަ މި ރަށުގައި ދިރިއުޅޭ ޕެންގުއިންތަކަށް ކާނާ ހޯދުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ.

ޕެންގުއިން އަކީ ކަނޑުން މަސް ހޯދައިގެން ކައި އުޅޭ އެއްޗަކަށްވާއިރު ގަނޑުފެންގަނޑުގެ ސަބަބުން މަސް ހޯދުމަށް ކުރަންޖެހޭ ދަތުރު ދިގުވެއްޖެނަމަ އެ އެއްޗިހީގެ ދަރިން މާބޮޑަށް ބަނޑުހައިވެ، ފުރާނައަށް ގެއްލުންވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް ބްރިޓިޝް އެންޓާޓިކް ސޮސައިޓީގެ އީކޮލޮޖިސްޓެއްވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ގަނޑުފެންގަނޑު ދެފަޅިވެ މިހާރު ސައިޒް ކުޑަވެފައިވުމުގެ ސަބަބުން މި މަގާމު މިހާރު ދެވިފައިވަނީ އެންޓާޓިކާގެ ކަނޑުގައިވާ 4000 ސްކޮޔާ ކިލޯމީޓަރުގެ އޭ-23އޭ ނަމަކަށް ކިޔާ އެހެން ގަނޑުފެންގަނޑަކަށެވެ.