މިރަށަކީ ދިވެހި ތާރީހުގެ އެންމެ މުހިންމު ރަށެވެ. އެކަމަކު މިއީ ބަނދަރެއް ނެތް ރަށެކެވެ. މި ރަށަށް އަރާ ފޭބުމަކީ "ގަނައެއް" ތެޅުމެވެ. އެތަކެއް ކަކޫތާ ފެނަށް އެރި، އެހީތެރިކަން ނުދީފިމަ ސަހަލު ގޮތުގައި އުތީމަށް ފޭބުމަކީ ކެރިކުޅަދާނަ ކަމެއް ނޫނެވެ. ގައުމީ ދުވަހަށް މިރަށަށް ޒިޔާރަތްކުރި މެހެމާނުންނަށް މަރުހަބާ ކިޔުމަށް އެންމެން ގޮނޑުދޮށަށް ޖަމާވެ ތިން ހަތަރު މީހުން ހަރުގަނޑެއްގެ މަތީގައި އުފުލާލައިގެން ގެންގޮސް ތާރީހި ފަސްގަނޑުގައި ފައި ބީއްސައިދެ އެވެ. ތާރީހީ ފަސްގަނޑަށް ކޮންމެ މީހަކުމެ ފުންމާލަނީ އަޖައިބެއް ކަހަލަ ބަނދަރަކުންނެވެ. އެއީވާ މަރުހަބާއެކެވެ. މިރަށު މީހުން ގަބޫލު ކުރާގޮތުގައި ބޮޑުތަކުރުފާނުގެ ރަށަށް ޒިޔާރަތްކުރާ އެ ތަކުރުފާނުގެ ރައްޔިތުންނަށް އުތީމުގެ އަތިރިމަތިން ފެންވަރުގެ މެހެމާންދާރީ ނުދެވުމަކީ ރަށާއި މެދު ދެކޭ ގޮތް މުޅިން ހަރާބުވެގެން ހިނގައިދާނެ ކަމެކެވެ. އެ ހަރުގަނޑުމަތީގައި އެންމެނަށް އެއް ހަމައެއްގައި ދެވޭ އިއްޒަތުގައި މީހުން ބާލައިދެނީ އެހެންވެގެނެވެ.

މާޒީއަށް ދާއިރު އުތީމަށް އަރާ ފޭބުމުގައި ދިމާވާ ހިތާމަވެރި ހާދިސާގައި ބައެއް މީހުންގެ ފުރާނަވަނީ ގެއްލިފަ އެވެ. ބައެއް އުޅަނދު ފަހަރަށާއި މުދަލަށް ވަނީ ބޮޑެތި ގެއްލުން ލިބިފަ އެވެ. އާދަޔާ ހިލާފު ހާދިސާތައް ވަނީ ހިނގާފަ އެވެ.

"މިރަށަށް އަރާފޭބުމުގައި ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުރި. މީހުން މަރުވެ ބައެއް މީހުންގެ އަގޮބޮޑު ތަކެތި މޫދަށް ވެއްޓި ހަލާކުވެފައި އެބަހުރި،" ގައުމީ ދުވަހަށް މިރަށަށް ޒިޔާރަތް ކުރި މީހުން ރަށަށް ބޭލުމުގައި އިސްކޮށް އުޅުނު މީހަކު ބުންޏެވެ.

މި ސަބަބުތަކާހުރެ މި ރަށުގެ ރައްޔިތުންގެ ހުރިހާ ވެސް އެދުމަކީ އުތީމަށް ބަނދަރެއް ލިބުމެވެ. މިރަށަށް ޒިޔާރަތް ކުރާ ސަރުކާރުގެ އިސްވެރިންނާ ހަމައިން އާދައިގެ މީހާ ގާތުގައި ވެސް މިރަށު މީހުންނަށް ދެކެވޭ ވާހަކައަކަށް ވެފައި އޮންނަނީ ބަނދަރުގެ ވާހަކަ އެވެ.

"ބައްލަވާ ތިބޭފުޅާ ތީ ކޮން އޮފީހަކުން ދުރުވި ބޭފުޅެއްތޯ؟ ތިބޭފުޅާއަށް ސަރުކާރުގެ ތެރެއިން މަސައްކަތެއް ކޮށްދެވިތާނެތޯ މިރަށުގައި ބަނދަރެއް ހަދާނެ ގޮތަކާއި މެދު! ހާދަ ތަކުލީފެކޭ އުފުލަން މިޖެހެނީ!" މިއީ ހަރުގަނޑު މަތިން އުފުލާލައިގެން ގެންގޮސް އުތީމުގެ ދޮންވެލި މައްޗަށް މީހާ ބޭލުމާއެކު ފުރަތަމަ ކުރާ ސުވާލެވެ.

އެކަކު ބުނީ މިރަށަށް ސަރުކާރުގެ އިސްވެރިން ކޮންމެ އަހަރަކު އެއްފަހަރު ޒިޔާރަތް ކުރުމުން އެތައް ތަކުލީފަކައި ބުރައެއް އުފުލައިގެން ރަށަށް އަރުވާ ބޭލުމާއެކު ބަނދަރު "ހަދައިދޭ" ކަމަށާއި އެނބުރި ފުރާވަޑައިގަތުމާއެކު އެކަންކަން ހަދާނުން ފިލާ ކަމަށެވެ.

"ބަނދަރު ނޫން އެހެން އެއްޗެއް މިއަދަކު ބޭބެމެން ބޭނުމެއް ނުވޭ، އެއްވެސް މީހަކަށް އުތީމަށް ކޮށްދެވޭނެ އެންމެ ހެޔޮކަމަކީ ބަނދަރެއް ހޯދައިދިނުމޭ ބުނެވޭނީ!" އުމުރުން ދުވަސްވެފައިވާ އެމީހާ ބުންޏެވެ.

އުތީމުގެ ދުވަސްވީ "ލީޑަރަކު" ވިދާޅުވީ ބަނދަރާއި ޖެޓީ އާއި ފާލަން އެއީ ހުސް ނަންތަކެއް ކަމަށެވެ. އެ ނަންތައް ބޭނުން ކޮށްގެން ކުރީގެ ސަރުކާރުންނާއި މިހާރުގެ ސަރުކާރުން ވެސް ނަގަނީ ނާޖާއިޒު ފައިދާ ކަމަށެވެ. ކުރީގެ ސަރުކާރުން ބަނދަރު ހެދުމަށް ޕްލޭން ކޮށްދީ އެކަން ނުވި ކަމަށެވެ.

"މިހާރުވެސް ބައްލަވާ އުތީމުގެ ކައުންސިލްގެ އިދާރާގައި ހުންނާނެ [ކުރީގެ ސަރުކާރުން] މިރަށުގެ ބަނދަރު ހެދުމާބެހޭ ގޮތުން ބަދަލްކޮށްފައިވާ ލިޔެކިޔުންތައް،" އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުން 2010ގެ ގައުމީ ދުވަސް ފާހަގަ ކުރުމުގައި ވެސް އުތީމުގެ ބަނދަރުގެ ސާވޭ ކުރައްވަން ނިންމެވި އެވެ. އެކަމަކު އެ ސާވޭ އޮތް ހިސާބެއް ނޭނގެ އެވެ.

"ހަމައެކަނި ރައީސް ނަޝީދެއް ވެސް ނޫން އިނގޭތޯ ވައުދުވެ ވަޑައިގަތީ. މިރަށުގައި ބަނދަރެއް ނުވަތަ ފާލަމެއް، ޖެޓީއެއް އަޅަން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވެސް ވިދާޅުވި. މިރަށުގައި ޖެޓީއެއް ސިފައިން ލައްވާ އަޅުއްވާނަމޭ ވިދާޅުވީ. އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވެސް ވިދާޅުވި މިރަށުގައި ފާލަމެއް އަޅުއްވައި ދޭނަމޭ،" އެބޭފުޅާ ވިދާޅުވި އެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާއަށް ފަހު ރައްޔިތުން ބޮޑުތަކުރާފާނުގެ ހަނަދާނީ މަރުކަޒުން ނުކުތީ މާޔޫސްކަމުގަ އެވެ. ބައެއް މީހުން އެކަކު އަނެކަކާ ދިމާއަށް ނިތް އަރުވާފައި ބުނެލެ އެވެ: "ކޮބާ ކިހިނެއް ހީވަނީ؟ ބަނދަރުގެ ނަންވެސް ނުގަނޭ!"

އަށް ސަތޭކައެއްހާ މީހުން އުޅޭ ރަށުގެ މީހުން އެގޮތަށް އިސާރާތް ކުރީ ރައީސް މުހައްމަދު ނަޝީދުގެ ތަގުރީރުގައި ބަނދަރުގެ ވާހަކަ ނައުމުންނެވެ. އެމީހުން އެހެން ބުނި ނަމަވެސް ހޯމް މިނިސްޓަރު ހަސަން އަފީފުގެ ވާހަފުޅުގައި އުތީމު ބަނދަރާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ފަހު މިރަށުގެ މަދަރުސާގެ ރިހިޔޫބީލް ފަންޑު ހުޅުވުމުގެ ރަސްމިއްޔާތު ވެސް އޮތެވެ. ބައެއް މީހުން އެތަނަކަށް ނުދެ އެވެ. ވާހަކައިން ދޭހަވަނީ ބަނދަރުގެ މައްސަލައިގައި ބޮޑާ ހޭކީ ކަމަށެވެ. އެހެން ނަމަވެސް ރިހިޔޫބީލް ފަންޑު ފޮށި ހުޅުވައިދެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ ބަނދަރުގެ ވާހަކަ ދައްކަވަފަ އެވެ. ވިދާޅުވީ އުތީމުގައި ބަނދަރެއް ނެތުމުގެ ދަތި، އުތީމުގެ ރައްޔިތުންގެ އިތުރަށް ރާއްޖޭގެ އެންމެން ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އުތީމަށް ސަރުކާރުން އެއްވެސް ކަމެއް ނުކޮށްދޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެރަށުގައި ހަދާ ބަނދަރަކީ ރައްޔިތުން އެދޭ ގޮތަށް ހެދޭ ބަނދަރަކަށް ކޮންމެހެން ވާން ނުޖެހޭ ކަމަށެވެ. އަދި އުތީމުގެ ބަނދަރު ހަދާނީ މުޅިރާއްޖޭގެ ރައްޔިތުން އެދޭފެންވަރުގައި ކަމަށެވެ.

ރައީސްގެ އެ ވިދާޅުވުމަށް އުތީމު ކައުންސިލްގެ ރައީސް އަސްރާރު އަބްދުﷲ ވިދާޅުވީ އުތީމަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ މުހިންމު ރަށެއް ކަމުން ސަރުކާރުން ބޭނުންވާ ގޮތަށް ބަނދަރު ހެދުމަށް ރައްޔިތުން ރުހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމީ ބަނދަރެއް. އަޅުގަނަޑުމެން ބޭނުމީ ބުނިބުންޏެއް ނޫން، ހަގީގީ ބަނދަރެއް،" އަސްރާރު ވިދާޅުވި އެވެ.

މިއަހަރުގެ ގައުމީ ދުވަހު ވެސް މިރަށުގެ ބަނދަރުގެ ވާހަކަ ދެކެވުނީ އެވެ. ދެން އޮތީ އަނެއްކާވެސް ދެން އަންނަ ގައުމީ ދުވަހާ ހަމައަށް ތިބުމެވެ. ގައުމީ ދުވަސް ނިމިގެން އެންމެން މިރަށުން ފައިބައިގެން ދާއިރު އެންމެންގެ ލޮލަށް ފެންނަ ހިސާބުގައި އެ އެންމެން ރަށަށް ބާލައިދިން ބޮޑު ހަރުގަނޑު ހުރެ އެވެ. އެއީ ދިވެހި ތާރީހުގެ މުހިންމު މި ރަށަށް އެމީހާ ބާލައިދިން ތާރީހީ ހަރުގަނޑެވެ. މިރަށުގެ މީހުން ބަހުންނަމަ ބޮޑު ތަކުރުފާނުގެ ރަށުގެ ބަނދަރެވެ.