23 Dec 2020, 16:42
ލާމަރުކަޒީ ގާނޫނު އަދި މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކޮށްދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން އެ ދެ ބިލަށް އިސްލާހު ގެނައީ ޑިސެމްބަރު ހައެއްގައި ބޭއްވި މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގަ އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅަމުން ބުނެފައި ވަނީ ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިތުރަށް ބާރުވެރިކޮށް ކެޕިޓަލް މާކެޓް ފުޅާކުރުމަށް ކަމަށެވެ.
އެ އިސްލާހާ އެކު ސެކިއުރިޓީޒް މާކެޓަށް ތައާރަފް ކުރެވޭނެ އާ ސެކިއުރިޓީޒްތައް ދެނެގަނެ މާކެޓް ފުޅާކުރުމަށް ބާރު ލިބޭނެ އަދި އިންވެސްޓްމަންޓް ފުރުސަތުތަކަށް މަގުފަހިވާ ގޮތަށް ހެދުމަށް ރެގިއުލޭޓަރީ އޮނިގަނޑު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރެއަށް އިތުރުވާނެ އެވެ.
ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކާއި ސެކިއުރިޓީޒް ދޫކުރުމާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރޭތޯ ބެލުމާއި، އެ ފަރާތްތަކުން ހިއްސާދާރުންނާއި އިންވެސްޓަރުންނަށް އޮތް ޒިންމާ އަދާކުރޭތޯ ބަލައި ފިޔަވަޅު އެޅުމާއި، ސެކިއުރިޓީޒްއާ ގުޅުންހުރި މައުލޫމާތު ހޯދައި، ދިރާސާތައްކޮށް، އަދި އެ ކަންކަމާމެދު އާންމުން އަހުލުވެރިކުރުވުން ވެސް، އެ އިދާރާގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ތެރެއަށް އިތުރުވެގެންދާނެ އެވެ.
ހަމައެއާއެކު، އެ ގާނޫނަށް ގެނައި އިސްލާހުގައި ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅޭ ކަންކަން ކުރިއަށް ވުރެ ހަރުދަނާކުރުމަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވެ އެވެ. އޭގެ އިތުރުން، ހިއްސާގެ ބާޒާރެއް ގާއިމްކޮށް ބެލެހެއްޓުމުގައި މިހާރުން ފެށިގެން އަމަލުކުރުމަށް ގާނޫނީ ގޮތުން ހުއްދަކުރާގޮތް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ގާނޫނުގައި ސްޓޮކް އެކްސްޗޭންޖް ގާއިމްކޮށް ހިންގަންވާނީ ގާނޫނާއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ލައިސަންސްދޭ ކުންފުންޏަކުން ކަމުގައި ވެސް ބަޔާންކޮށްފައިވެ އެވެ.
ރައީސް މިއަދު ދެން ތަސްތީގު ކުރެއްވި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާންކޮށްފައިވެ އެވެ.
ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު ހަދަން ވާނީ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ވެސް އެ އިސްލާހުގައިވެ އެވެ.
އޭގެއިތުރުން، އިސްލާހާއެކު އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު، ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން ލާމަރުކަޒީ ގާނޫނާއި ގާނޫނުގެ މަގުސަދުތަކާ ތައާރުޒުވާ ގާނޫނުތައް ފާހަގަކޮށް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމުގައި ވެސް ބުނެފައިވެ އެވެ.